ޚަބަރު

ސީނިއަރ ޤައުމީ ބޮޑީބޯޑިންގ ޓީމު އެކުލަވައިލައިފި


  • ސީނިއަރ ޤައުމީ ޓީމަށް އެތުލީޓުން ކަނޑައެޅީ ރޭންކިންއަށް ބަލައިގެން

  • ޤައުމީ ސްކޮޑް އިޢުލާނުކޮށްފައިވަނީ ރާޅުގަނޑުގައި ބޭއްވި ޤައުމީ ލީގުގެ ފަހު މުބާރާތަށް ފަހު

‎2026 ވަނަ އަހަރަށް އެކުލަވާލާފައިވާ ސީނިއާ ޤައުމީ ބޯޑީބޯޑިން ޓީމުގެ ސްކޮޑް އިޢުލާނުކޮށްފިއެވެ.

‎ސީނިއަރ ޤައުމީ ޓީމުގައި ހިމެނޭ އެތުލީޓުންނަކީ މާލެ ސިޓީގެ އާމިން އުމަރު މޫސާ، ޢަލީ ޚުޝްރުވާން އަޙްމަދާއި، މުޙައްމަދު ކައިފްގެ އިތުރުން ފުވައްމުލައް ސިޓީގެ އަޝްރަފް ޙަސަންއެވެ.

‎މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަނުން ސީނިއަރ ޤައުމީ ޓީމު އެކުލަވައިލީ، ލީގުގައި އެންމެ ގިނަ ޕޮއިންޓް ހޯދި ކުޅުންތެރިން ހިމަނައިގެންނެވެ. ޤައުމީ ސްކޮޑް އިޢުލާނުކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރު ވަރުނުލާ ރާޅުގަނޑުގައި ބޭއްވި ޤައުމީ ލީގުގެ ފަހު މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައެވެ.

‎ޤައުމީ ބޮޑީ ބޯޑިން ޓީމުގައި ހިމެނޭ އެތުލީޓުންގެ ތެރެއިން އާމިނަކީ 2022 ވަނަ އަހަރު ބޭއްވި އައިބީސީގެ މޯލްޑިވްސް ޕްރޯގައި ވާދަކޮށް ދުނިޔޭގެ ރޭންކިންގައި ޑްރޮޕްނީ ކެޓަގަރީގެ 10 ވަނައިގައިވާ އެތުލީޓެވެ.

ޢަލީ ޚުޝްރުވާނަކީ ދުނީޔޭގެ ރޭންކިންގައި ޑްރޮޕްނީ ކެޓަގަރީގެ 12 ވަނައިގައިވާ އެތުލީޓެވެ. ސީނިއަރ ޤައުމީ ޓީމުން ޖާގަހޯދި އަޝްރަފަކީ ކުރީގެ ނޭޝަނަލް ބަނޑުފިލާ ޗެލެންޖްގެ މެންސް އޯޕަން ކެޓަގަރީގެ ދެފަހަރުގެ ޗެމްޕިއަނެވެ. އެ ދެފަހަރު އޭނާ ޗެންޕިއަންކަން ހޯދީ ޗެމްޕިއަން ޢަލީ ޚުޝްރުވާން ކަޓުވާލުމަށްފަހުއެވެ.