ޚަބަރު

މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މާލޭގެ 5 ސަރަޙައްދެއްގައި ފުލުހުންގެ ޚާއްސަ ހަރަކާތެއް


  • މި ހަރަކާތް ކުރިއަށްގެންދިޔައީ ހެނދުނު 07:30 އިން 08:30 އަށް

  • ޓްރެފިކާ ގުޅުންހުރި މުހިންމު މަޢުލޫމާތު ހިއްސާކޮށްފައިވޭ

މަގުމަތީގެ ސަލާމަތާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ޙާއްސަ ހަރަކާތެއް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދަވައިފިއެވެ.

މިހަރަކާތް ކުރިއަށްގެންގޮސްފައިވަނީ މިއަދު ހެނދުނު 07:30 އިން 08:30 އަށެވެ. މަގުމައްޗަކީ އެންމެ ބޭނުންކުރާ ތަނަކަށްވުމުން އެތަންތަނުގެ ސަލާމަތާއި ރައްކާތެރިކަންވަނީ އެންމެނާ ގުޅިފައެވެ.

އެހެންނަމަވެސް މަގުމަތީގައި ނުރައްކާތެރި އެކްސިޑެންޓުތައް ބަލަންވާ ވަރަށް ނުބެލުމުގެ ސަބަބުން ހިނގާކަން ފުލުހުން ފާހަގަކުރައްވައެވެ. މިކަންކަމަށް އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އާދިއްތަ ދުވަހު އޮފީސްތަކަށާއި ސްކޫލްތަކަށް ދާ ގަޑިތަކާއި ދިމާކޮށް ފުލުހުންވަނީ މަގުތަކުގައި ޚާއްސަ ހަރަކާތެއް ކުރިއަށްގެންދަވާފައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސެއިން ސަމީރު ވިދާޅުވީ، މާލެ ސަރަޙައްދުގައި އެކްސިޑެންޓުތައް ހިނގުމަށް މެދުވެރިވާ އާންމު ބައެއް ސަބަބުތައް ހިމެނޭ މެސެޖުތަކާއެކު ފުލުހުން މިއަދު މާލޭގެ 5 ސަރަޙައްދެއްގައި ހަރަކާތްތެރިވެފައިވާކަމަށެވެ.

"އާންމުގޮތެއްގައި އެކްސިޑެންޓުތައް ހިނގުމަށް މެދުވެރިވަނީ، ދުއްވަންޖެހޭ ސްޕީޑު ލިމިޓަށްވުރެ ބާރަށް ދުއްވުމާއި، ބަހައްޓަންޖެހޭ ދުރުމިން ދެއުޅަނދުގެ ދެމެދު ނުބަހައްޓާ ދުއްވުމާއި އަދި ނުރައްކާތެރި އެކްސިޑެންޓުތަކުގައި ލިބޭ ގެއްލުން އެބަ އިތުރުވޭ ހެލްމެޓުގެ ބަކަލްކޮޅު ނާޅުވާ ނުވަތަ ދޫކޮށް ހުރުމުން." ސަމީރު ފާހަގަކުރެއްވިއެވެ.

އާންމުގޮތެއްގައި މާލެ ސަރަޙައްދުގައި ހިނގާ އެކްސިޑެންޓުތަކުގެ ކުޑަ ބޮޑުމިނަށް ނުބަލާ ރިކޯޑުކުރަމުންދާކަމަށް ސަމީރު ވިދާޅުވިއެވެ. އެހެންކަމުން އެވްރެޖްކޮށް އެކްސިޑެންޓުތަކުގެ ޢަދަދު އިތުރުކަމަށް ދެއްކިނަމަވެސް ވޭތުވެދިޔަ މުއްދަތުގައި ނުރައްކާތެރި އެކްސިޑެންޓުތައް މަދުކަން ތަފާސްހިސާބުތަކުން ފާހަގަވާކަމަށް އޭނާ ވިދާޅުވިއެވެ.

އެކްސިޑެންޓުތައް މަދުކުރުމަށް އާންމުން ހޭލުންތެރިކުރުމަށް ފުލުހުންވަނީ މާލޭގެ 5 ސަރަޙައްދެއްގައި މެސެޖުތައް ހިމެނޭ ބޯޑުތަކާއެކު ހަރަކާތްތެރިވެފައެވެ. ސިނަމާލޭ ބްރިޖާއި، ވެލާނާގޭގެ ކައިރި، ދިވެހިރާއްޖޭގެ އަޑު، ސްޓަރ ރެސްޓު ސަރަޙައްދާއި ކަސްޓަމްސް ބިލްޑިންގ ކައިރީގައި ފުލުހުންވަނީ މިހަރަކާތް ކުރިއަށްގެންގޮސްފައެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އިސްކުރުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ. އެގޮތުން ހިނގާ މީހުންނާއި ދުއްވާ މީހުންވެސް މަގުމަތީގެ ސަލާމަތަށް ހެދިފައިވާ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.