މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދިޔަ "އަލިމަގު" އޮޕަރޭޝަންގައި 110 މީހުން ހައްޔަރުކޮށް، 23 މިލިޔަން ރުފިޔާގެ ތަކެތި އަތުލައިގެންފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގައި ސަރުކާރުގެ އެންމެ ބޮޑު އިސްކަމެއް އޮތީ، މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން ހުއްޓުވުމާއި މި ތަކެތި ވިއްކާ ފަރާތްތައް ހުއްޓުވުމެވެ.
މިގޮތުން ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ކުރިއަށްގެންދިޔަ އެކިއެކި އޮޕަރޭޝަންތަކުގައި މި ވޭތުވެދިޔަ 2 އަހަރު 2.2 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާން ވަނީ ހާމަކުރައްވާފައެވެ.
އޮޕަރޭޝަން "އަލި މަގު"ގެ ނަމުގައި ފުލުހުން ވަނީ މިމަހުގެ 13 ވަނަ ދުވަހު ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައެވެ. މި އޮޕަރޭޝަނަކީ މަސްތުވާތެތި ވިއްކާ ތަންތަނަށް ޢަމާޒުކޮށް ކުރިއަށްގެންދިޔަ އޮޕަރޭޝަނެކެވެ.
އަމިއްލަ މީޑިއާއަކާ ޙިއްސާކުރެއްވި އިންޓަވިއުއެއްގައި ދާޚިލީ ސަލާމަތާ ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވީ، އަލިމަގު އޮޕަރޭޝަންގެ އެންމެ ބޮޑު ޢަމާޒަކަށްވީ، މަސްތުވާތަކެތި މަގުތަކަށް ދިއުން ހުއްޓުވުންކަމަށެވެ. އެގޮތުން މި އޮޕަރޭޝަނަކީ ފުލުހުންގެ ގިނަ ޓީމްތައް އެކުވެ، 6 މަސް ދުވަހުގެ އިންޓެލިޖެންސް ތަޙުޤީގުތަކަކަށްފަހު ގެންދިޔަ ވަރަށް ކާމިޔާބު އޮޕަރޭޝަނެއްކަމަށް އިޙުސާން ވިދާޅުވިއެވެ.
އިޙުސާން ވިދާޅުވީ މި އޮޕަރޭޝަންގައި 110 މީހުން ހައްޔަރުކޮށްފައިވާކަމަށާއި 23 މިލިޔަން ރުފިޔާގެ ތަކެތި އަތުލައިގެންފައިވާކަމަށެވެ. މީގެތެރޭގައި މަސްތުވާތަކެއްޗާއި އެ ތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރާ ތަފާތު އެކި ސާމާނު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވެއެވެ. އަދި ވިޔަފާރި ކުރަމުން އައި ތަންތަން ވަނީ ބަންދުކޮށްފައެވެ.
ވަޒީރު ވިދާޅުވީ އެ ފަރާތްތަކުން މަސްތުވާތެތީގެ ވިޔަފާރިކޮށް، ރައްޔިތުންނަށް ދިން ބޮޑު ގެއްލުމާއި ޤާނޫނު އަރާ ހަމަކުރާނެކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާ އެއްގޮތަށް، އިސްލާމީ ޝަރީޢަތުގައި ޤާނޫނު ހުއްދަ ކުރާ އެންމެ ބޮޑު އަދަބު އެމީހުންނަށް ދޭނެކަމަށެވެ.
މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް، މިކަމާ ގުޅޭ ޤާނޫނުތައް މިހާރަށްވުރެ ހަރުދަނާކުރުމަށް، ޤާނޫނަށް އިސްލާހުތަކެއް ހުށައެޅުމަށްވެސް ނިންމަވާފައިވާކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.