އަންނަ އަހަރު ފަހުކޮޅު ޖޭ 60ގެ މުބާރާތް ރާއްޖޭގައި ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) ގެ ނައިބު ރައީސް އިޤްނާޒް މަންސޫރު ވިދާޅުވެއްޖެއެވެ.
ޓެނިހުގެ ކުރިޔަށް ހުރި މުބާރާތްތަކާއި ގުޅޭ މައުލޫމާތު ޕީއެސްއެމް ނިއުސް އާއި ހިއްސާކުރައްވަމުން އިގްނާޒް ވިދާޅުވީ އެހެން ގައުމުތަކުގެ ކުޅުންތެރިންނާއެކު ކުޅޭ މެޗުތައް ގިނަ ކުރުމަށްޓަކައި އަންނަ އަހަރު ކުރީކޮޅު ރާއްޖޭގައި އޭޝިއަން ޓެނިސް ފެޑެރޭޝަން އާއި އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަންގެ މުބާރާތްތައް ރާއްޖެއަށް ގެންނާނެ ކަމަށް އިގްނާޒް ވިދާޅުވިއެވެ.
"ވަރަށް ބޮޑު އިސްކަމެއްދެން ޓްރޭނިންއަށް. ބޭރު ކުޅުންތެރިންނާއެކީ ގިނައިން މެޗުތައް ކުޅުމަށްޓަކައި އައިޓީއެފްގެ ޖޭ 30 މުބާރާތެއް މިއަންނަ އަހަރުގެ ކުރީކޮޅު ބާއްވާނަން. ދެން ހަމަ މިއަންނަ އަހަރު ފަހުކޮޅުގައި ޖޭ 60 އެއީ އަދި ޕޮއިންޓްސް ގިނަވާނެ. އަޅުގަނޑުމެން ހަމަ ޕްލޭން ކުރަން ޖޭ 10 ގެ ދެ މުބާރާތް ހަމަ ރާއްޖޭގައި ބާއްވަން" އިގްނާޒް ވިދާޅުވިއެވެ.
އިގްނާޒް ވިދާޅުވީ ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުޅުންތެރިންގެ ކުރިއެރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭކަމަށާއި ބޭރު ކުޅުންތެރިންނާއެކު ކުޅުމުގެ ފުރުސަތު ވީހާވެސް ގިނައިން ދިވެހި ކުޅުންތެރިންނަށް ހޯދައިދޭން ބޭނުންވާކަމަށެވެ.
އަދި އަންނަ އަހަރު އިތުރު 5 ކޯޓާއެކު ހުޅުމާލޭގައި ގާއިމުކުރާ ޓެނިސް ކޮމްޕްލެކްސް ހުޅުވިގެންދާނެ ކަމަށާއި، މި ފެސިލިޓީއާއެކު ރާއްޖޭގެ ޓެނިސް އިތުރަށް ކުރިއަރައިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
އަދި ފަހަކަށް އައިސް ރާއްޖޭގެ ޓެނިސް ކުޅުންތެރިން ހޯދާ ކާމިޔާބީތައް ފާހަގަކުރައްވާ އިގްނާޒް ވިދާޅުވީ ކުރިތެރިންގެ ކުރިއެރުމަށް އެސޯސިއޭޝަނުން ކުރާ މަސައްކަތަށް ކުޅިވަރާއި ހަށިހެޔޮ ކަމާއި ބެހޭ ވުޒާރާއިން ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާ ކަމަށެވެ.
"ވަރަށް އެއްބާރުލުން ލިބޭ މިނިސްޓްރީން. ދަތިވާ ކޮންމެ ވަގުތެއްގައިވެސް. ދެން އަޅުގަނޑުމެން މި ގެންނަ އިތުރު ބަދަލުތަކަށްވެސް. މިގެންނަ ޓެނިހުގެ ޑިވެލޮޕްމެންޓުގައިވެސް ހަމަ މިނިސްޓްރީ ފަރާތުން ވަރަށް ބޮޑަށް އެއްބާރުލުން ލިބޭ. ފިނޭންޝަލީވެސް ސަޕޯޓް ލިބޭ. ދެން ހަމަ ފާހަގަކޮށްލަން މިނިސްޓަރވެސް ވަރަށް ގިނައިން ވަޑައިގެން މެޗުވެސް ބައްލަވާލައްވާނެ" އިގްނާޒް ވިދާޅުވިއެވެ.
މިއަހަރު ވަނި ރާއްޖޭގައި ޢޭޓީއެފް ޖޭ 30 އަދި އައިޓީއެފް ޖޭ 30 ގެ މުބާރާތްތަކެއް ބާއްވާ ބައިނަލްއަގްވާމީ ކުޅުންތެރިންނާއެކު ކުޅުމުގެ ފުރުސަތު ރާއްޖޭގެ އަރަމުން އަންނަ ކުޅުންތެރިންނަށް ހޯދައިދީފައެވެ. އެގޮތުން އެ ދެ މުބާރާތުންވެސް ރާއްޖޭގެ ޓެނިސް ކުޅުންތެރިން ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދާ ބައެއް ކެޓެގަރީތަކުގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.