ޚަބަރު

މިއަހަރު ނިމުމުގެ ކުރިން 1 މިލިޔަން ގަސް އިންދޭނެ: ވަޒީރު ޠާރިޤު


  • މިހާތަނަށް 8،19،000 އަށްވުރެ ގިނަ ގަސް ވަނީ އިންދާފައި

  • ރާއްޖޭގެ ކޮންމެ ރަށެއްގައި މަދުވެގެން 2 ހައިވަކަރު ގަސް ވަނީ އިންދާފައި

މިއަހަރު ނިމުމުގެ ކުރިން 1 މިލިޔަން ގަސް އިންދޭނެކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ. 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޕްރޮގުރާމެކެވެ.

ސަރުކާރަށް 2 އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްގެ "ހަފްތާ 104" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވީ، 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. ވަޒީރު ވިދާޅުވީ މިމަސައްކަތް ފެށިއިރު އެއްވެސް ކަހަލަ ނާސަރީއެއް ނެތުމުން ޕްރޮގްރާމް ގެންދަން ބޭނުންވި ބާރުމިނުގައި ނުގެންދެވުނުކަމަށެވެ. އެހެންނަމަވެސް މިހާރު އެފަދަ ނާސަރީތައް އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވިއެވެ. ވަޒީރު ތާރިޤު ވިދާޅުވީ، މިހާތަނަށް 819000 ގަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންދިފައިވާކަމަށެވެ.

"މިއަންނަ އަހަރު ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް 2028 އަންނަންވާއިރަށް 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް އަޅުގަނޑުމެން ކާމިޔާބުކުރާނަން. އަދި މިއަހަރު ނިމެންވާއިރަށް 1 މިލިޔަން ގަސް އެއްކޮށް އިންދި ނިމިގެންދާނެ." ވަޒީރު ތާރިޤު އިބްރާހީމް ވިދާޅުވިއެވެ.

މިއަންނަ އަހަރު އިތުރު ގަސްތައް އިންދާނެކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މިޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ކޮންމެ ރަށެއްގައި މަދުވެގެން 2 ހައިވަކަރު ގަސް މިހާރު އިންދާފައިވާކަމަށެވެ. އަދި ރިސޯޓްތަކުގައިވެސް ގަސް އިންދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. ރިސޯޓްތަކުންވެސް 1.4 މިލިޔަން ގަސް އިންދާނެކަމަށް ވައުދުވެފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިޤު އިބްރާހިމް ވިދާޅުވިއެވެ.

ފަސް މިލިޔަން ގަސް އިންދުމުގެ ގައުމީ މަޝްރޫޢަށް ބޭނުންވާ ގަސް ހައްދަން ލ. ގަމުގައި ޚާއްސަ 2، ނާސަރީ ތަރައްޤީކުރުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާ ދެމެދު މިމަހުގެ ތެރޭގައި ވަނީ ސޮއިވެސް ކޮށްފައެވެ. މި މަސައްކަތުގެ ދަށުން ލ. ގަމުގައި 20,000 އަކަފޫޓުގެ ނާސަރީއަކާއި 100,000 އަކަފޫޓުގެ ނާސަރީއެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 55,000 އަކަފޫޓުގެ ނާސަރީއެއް އެޅުމަށްވެސް ޗައިނާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށް، މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައެވެ. މި ނާސަރީ އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ.