ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ރައީސަކަށް މާޒިޔާ އެންޑް ރެކްރިއޭޝަން ކުލަބުގެ ކެނޑިޑޭޓް އިޝްފާން މުހައްމަދު (އިއްޕަ) އިންތިޚާބުކޮށްފިއެވެ.
އެއެސޯސިއޭޝަނަށް ރައީސަކު އިންތިޚާބުކޮށްފައި މިވަނީ އިންތިޚާބެއް ނުބޭއްވި ގާތްގަނޑަކަށް އެއް އަހަރާއި އަށް މަސްދުވަސް ވެފަވަނިކޮށެވެ.
ހ. މީރުމާގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެއެސޯސިއޭޝަނުގެ ނައިބު ރައީސަކަށް އިންތިޚާބުކޮށްފައި ވަނީ އަޙުމަދު ޝިހާމާއި، އިބްރާހީމް ހަމްޒާ ޚަލީލެވެ. މީގެ އިތުރުން ބީއޭއެމްގެ ހިންގާ ކޮމިޓީވެސް ރޭގައި އެކުލަވައިލައިފައިވާއިރު މިކޮމިޓީގައި ދެން ހިމެނޭ މެމްބަރުންނަކީ މިންނާ ރަޝީދާއި، ހަސަން ޒަރީރް، އިބްރާހިމް އަފީފާއި، ސުހާ ޖަލީލެވެ. ހިންގާ ކޮމިޓީގެ އަށްވަނަ މެމްބަރެއްގެ ގޮތުގައި ހުންނާނީ އެތުލީޓް ރެޕްރެޒެންޓޭޓިވްއެވެ. މިމަގާމަށް މެމްބަރަކު ހޮވާނީ ބީއޭއެމްގެ އައު ހިންގާ ކޮމިޓީ މަގާމުގެ މަސްއޫލިއްޔަތާއި ހަވާލުވުމަށްފަހު އެކަމަށް ބޭއްވޭ އިންތިޚާބަކުންނެވެ.
އަލަށް އިންތިޚާބުވި ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލައިފައިވަނީ ކޮންމެ މަޤާމަކަށްވެސް އެންމެ މެމްބަރެކެވެ. އެހެންކަމުން ހާޒިރުވެ ތިއްބެވި މެމްބަރުންގެ އިއްތިފާގުން މި މަގާމުތަކަށް މެމްބަރުން ވަނީ އިންތިޚާބުވެފައެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ޤަވާޢިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނެސް އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރެވެންދެން އެ އެސޯސިއޭޝަނަށް ދީފައިވާ ޤައުމީ ޙައިސިއްޔަތު ވަގުތީ ގޮތުން އުވައިލައިފަައިވަނީ މިއަހަރުގެ އޭޕްރިލްމަހުގެ 30 ވަނަ ދުވަހުއެވެ.
އެއެސޯސިއޭޝަނާ ދޭތެރޭ މި ފިޔަވަޅު އަޅާފަވަނީ ބެޑްމިންޓަން އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ދައުރު ފާއިތުވެދިޔަ އަހަރުގެ މާރޗްމަހުގެ 11 ވަނަ ދުވަހަށް ހަމަވެ، އެ އެސޯސިއޭޝަންގެ އިންތިޚާބު ނުބޭއްވި އަހަރަކަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާތީއެވެ. އޭގެ އިތުރުން ބެޑްމިންޓަނުގެ ދުނިޔޭގެ މައި ޖަމިއްޔާ، ބީޑަބްލިއުއެފުން ވަނީ މިއަހަރުގެ މޭމަހުގެ 20 ވަނަ ދުވަހު ބީއޭއެމް ސަސްޕެންޑުވެސްކޮށްފައެވެ. މި ސަސްޕެންޝަނުގެ ސަބަބުން ބީޑަބްލިއުއެފް މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ވަނީ ހަނިކޮށްފައެވެ.