ދުނިޔެ

300،000 މީހުން މިއަހަރުވެސް ޖަރުމަނަށް ހިޖުރަ ކުރާނެކަމަށް ބެލެވޭ


ހަނގުރާމައާ ދަތި ޙާލުން ސަލާމަތްވުމަށް އަމިއްލަ ޤައުމު ދޫކޮށް އެހެން ޤައުމުތަކަށް ދަތުރު ކުރާ ފަރާތްތަކުގެ ތެރެއިން ތިންސަތޭކަ ހާހެއްހާ މީހުން މިއަހަރު އަދިވެސް ޖަރުމަނު ވިލާތަށް ދާނެކަމަށް ބެލެވޭ ކަމަށް އެ ޤައުމުގެ ފެޑަރަލް އޮފީސް ފޯ މައިގްރޭޝަން އެންޑް ރެފިއުޖީސްގެ ވެރިޔާ ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ މިއަދަދަށް މީހުން އައިނަމަވެސް އޭނާގެ އޮފީހުން ރިކޯޑްތައް ބަލަހައްޓަމުން ގެންދާނެ ކަމަށާ ނަމަވެސް ލަފާކުރާ ވަރަށްވުރެ ރެފިއުޖީންގެ އަދަދު އިތުރުވެއްޖެނަމަ ދަތިތަކާ ކުރިމަތިވާނެ ކަމުގައެވެ. މެދުއިރުމަތީގެ ޤައުމުތަކުންނާއި އަފްޣާނިސްތާން އަދި އެފްރިކާގެ ޤައުމުތަކުން މިދިޔައަހަރުވެސް އެއް މިލިއަނަށްވުރެ ގިނަ މީހުން ޖަރުމަނުވިލާތަށް ދިރިއުޅުން ބަދަލުކޮށްފައިވެއެވެ. ޖަރުމަނުވިލާތުގެ ދާޚިލީ ވަޒީރު ވިދާޅުވީ މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު 390،000 މީހުން ސިޔާސީ ހިމާޔަތް ހޯދުމަށް ހުށައަޅާފައިވާކަމަށާ، ނަމަވެސް މި މީހުން ޖަރުމަނު ވިލާތަށް އެތެރެވީ ކޮން އަހަރަކު ކަމެއް ސާފު ނުވާކަމުގައެވެ.

ދާޚިލީ ވަޒީރު ވިދާޅުވީ މި މީހުންގެ ތެރެއިން ވީހާވެސް ގިނަ ބަޔަކު ވަޒީފާގެ ބާޒާރަށް ނެރެވޭތޯ ސަރުކާރުން މަސައްކަތް ކުރަމުންދާކަމުގައެވެ.