ބާސެލޯނާގެ ދަނޑުން އަލުން ހަދައި ކުޅުނު ފުރަތަމަ މެޗުގައި އެ ދަނޑުގައި އެންމެ ފުރަތަމަ ގޯލެއް ޖެހި ކުޅުންތެރިއަކަށް ޕޮލެންޑްގެ ފޯވަޑް ރޮބަޓް ލެވޮންޑޯސްކީ ވެއްޖެއެވެ.
އެތްލެޓިކް ބިލްބާއޯ އަތުން ބާސެލޯނާ 4-0އިން މޮޅުވި މެޗުގައި ލެވޮންޑޯސްކީ ފުރަތަމަ ގޯލު ޖެހީ މެޗުގެ ހަތަރު ވަނަ މިނިޓްގަ އެވެ. އޭގެ ފަހުން ފެރަން ޓޮރޭޒް ދެ ލަނޑު އަދިމިއ ލަމީން ޔަމާލް ވެސް ވަނީ ލަނޑު ޖަހައިފަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން 38 އަހަރުގެ ފޯވަޑް ބުނީ މި ގޯލަކީ އަބަދުވެސް އޭނާގެ ހަނދާނުގައި ހުންނާނެ ގޯލެއް ކަމަށެވެ.
"އަހަރެން ވަރަށް ގިނަ ސްޓޭޑިއަމްތަކުގައި ކުޅެފިން. އެކަމަކު މި ދަނޑުގައި ކުޅުމަކީ މުޅިން ތަފާތު އިހުސާސެއް ކުރެވޭ ކަމެއް. އަމުދުން އަހަރެން މި ގޯލު ވަރަށް ހަނދާން ހުންނާނެ. މި ދަނޑުގައި ފުރަތަމަ ގޯލު ޖެހި މީހަކަށް އަހަރެން ވުމުން ވަރަށް އުފާވެއްޖެ،" ލެވޮންޑޯސްކީ ބުންޏެވެ.
ބާސެލޯނާއިން އެކުލަބުގެ ރަސްމީ ދަނޑު ކަމަށްވާ ކޭމްޕް ނޯ ދޫކޮށް 2023 ވަނަ އަހަރު ސްޕޭނުގެ އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅެން ފެށީ ސްޓޭޑިއަމް ތަޅާލައި އަލުން ބިނާކުރަން ފެށުމަށެވެ. މި މެޗަކީ ސްޓޭޑިއަމުގެ ބޮޑުބައި ނިމި ބޭނުން ކުރެވޭ ގޮތްވުމުން ކުޅުނު ފުރަތަމަ މެޗެވެ. ޖުމުލަ 105000 މީހުންނަށް ވަދެވޭ ގޮތަށް ބިނާކުރަމުންދާ ސްޓޭޑިއަމުގައި ބާސެލޯނާއިން މެޗުތައް ކުޅެން ފަށާނީ 45000 މީހުންގެ ޖާގަ އަށް މީހުން ވައްދައިގެންނެވެ. އެއީ މިހާތަނަށް ސްޓޭޑިއަމުގެ ފުރަތަމަ ބައިގެ ދެ ފޭސް ނިމި ސިޓީ ކައުންސިލްގެ ހުއްދަ ލިބިފައިވާތީ އެވެ.
ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ ވަނީ އަލުން މި ދަނޑުގައި ކުޅުން ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފަ އެވެ. އޭނާ ވިދާޅުވީ ސްޓޭޑިއަމް ބިނާކޮށް، އަލުން އެ ދަނޑުގައި ކުޅެން ފެށުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މިކަން ކުލަގަދަކޮށް ފާހަގަ ކުރުމަށް ސަޕޯޓަރުންނަށް ދަނޑަށް އައުމަށް އެންގީ ބާސެލޯނާ ނިސްބަތްވާ ކުލަތަކުގަ އެވެ. އަދި މެޗު ބެލުމަށް ބާސެލޯނާގެ ކުރީގެ ކުޅުންތެރިންނާއި އެކިއެކި ހަރުކުލައިގެ ފަރާތްތަކަށް ދަނޑަށް ދައުވަތު ދިނެވެ. މި ގޮތުން ބާސެލޯނާ ކައުންސިލްގެ ރައީސް ވެސް ދަނޑަށް ވަޑައިގަތެވެ. ލަޕޯޓާ ވިދާޅުވީ އުއްމީދަކީ މި އަހަރު ނިމުމުގެ ކުރިން ސްޓޭޑިއަމުގައި 60000 މީހުންނަށް ކުޅިބަލަން ތިބެވޭ ގޮތަށް މެޗުތައް ކުޅުން ކަމަށެވެ.
"ސްޓޭޑިއަމް އެއްކޮށް ނިމެނީ 2026ގެ ނިޔަލަށް. ދެން ސްޓޭޑިއަމުގެ ފުރާޅު ހަދަން ތިން މަހެއްހާ ދުވަސް ނަގާފާނެ. އެހެންވީމާ އަހަރުމެންގެ ޝެޑިއުލާ އެއް ގޮތަށް ކަންކަން އެބަދޭ،" ލަޕޯޓާ ވިދާޅުވި އެވެ.
ނޯކޭމްޕްގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ޖޯން ސެންޓެޔޭސް ވިދާޅުވީ ދަނޑުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ކޮންމެ މެޗެއް ކުޅުމުގެ 48 ގަޑިއިރު ކުރިން މެދު ކަނޑާލާނެ ކަމަށެވެ. އަދި އެންމެ އިސްކަންދެނީ ސަޕޯޓަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.