މި ދައުރުގެ މިހާތަނަށް އެއަރ އެމްބިއުލާންސްގެ ޚިދުމަތަށް 114.1 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެއަރ އެމްބިއުލާންސްގެ ޚިދުމަތަކީ ވައިގެ މަގުން ބަލިމީހުން އުފުލުމަށް ޚާއްސަކޮށް ރާއްޖޭގައި ފެށި ޚިދުމަތެކެވެ.
ވައިގެ މަގުން ބަލި މީހުން އުފުލުމުގެ ޚިދުމަތް ރަސްމީކޮށް އެއަރ އެމްބިއުލާންސްގައި ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ފުރަތަމަ ދުވަހުގައެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، މި ދައުރުގެ މިހާތަނަށް އެއަރ އެމްބިއުލާންސްގެ ޚިދުމަތަށް 114.1 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
އެގޮތުން މިދިޔަ އަހަރު މި ޚިދުމަތަށް 29 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެންސްފާގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މިއަހަރު އެކަނިވެސް މި ޚިދުމަތަށް 85.1 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ހަފްތާ 104 ގައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން#Hafthaa104 pic.twitter.com/Kk9Am4FfpH
— NSPA (@NSPAmaldives) November 22, 2025
ވައިގެ މަގުން ބަލި މީހުން އުފުލުމަށް އެއަރ އެމްބިއުލާންސްގެ ޚިދުމަތްފެށީ ސަރުކަރުން އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. ޚިދުމަތް ދިނުމުގައި އުޅަނދުތައް އަބަދުވެސް އޮންނާނީ ތައްޔާރީ ޙާލަތުގައެވެ.
އެއަރ އެމްބިއުލާންސް ތަޢާރަފްކުރުމުގެ ކުރިން ރާއްޖޭގައި ބަލިމީހުން އުފުލާފައިވަނީ އިންޑިއާގެ ސިފައިންގެ އެހީތެރިކަމާއެކު ހެލިކޮޕްޓަރުގައާއި މޯލްޑިވިއަންގެ އާއްމު ދަތުރުފަތުރުތަކަށް ބޭނުންކުރާ ބޯޓުތަކުގައެވެ.
ސަރުކާރުގެ ޢަމާޒަކަށްވީ ބަލި މީހުން އުފުލުމަށް ޚާއްސަ ބޯޓަކާއެކު، ދިވެހިން އެމަސައްކަތުގައި ދިވެހިން ހަރަކާތްތެރިވުމެވެ.