އަންނަ ސީޒަނުން ފެށިގެން އިނގިރޭސި ޕްރެމިއާ ލީގުގެ ޓީމުތަކަށް ހައްދެއްނެތި ހޭދަ ނުކުރެވޭ ގޮތަށް ފާސްކޮށްފިއެވެ.
ލީގުގައިވާ ވާދަ ކުރާ ޓީމުތަކުން މި ގޮތަށް ނިންމީ ހުކުރު ދުވަހު އެވެ.
އައު ގަވާއިދުގައިވާ ގޮތުން ކުލަބުތަކަށް ދެން ހަރަދު ކުރެވޭބީ ފުޓްބޯޅައިން ލިބޭ އާމްދަނީގެ 85 ޕަސެންޓް ފައިސާ އެވެ. މީގެ ތެރޭގައި ކުޅުންތެރިން ވިއްކާލައިގެން ލިބޭ ފައިދާ ނުވަތަ ގެއްލުން ހިމެނޭނެ އެވެ. މީގެ އިތުރުން ކޮންމެ ކުލަބަކަށް 30 ޕަސެންޓްގެ ޑިސްކައުންޓެއް ދޭނެ އެވެ. އެކަމަކު ހޭދަ މިއަށްވުރެ މަތިވެއްޖެނަމަ އެ ޓީމަކުން ޕޮއިންޓް ކަނޑާނެ އެވެ. ނަމަވެސް އެއީ ކިތައް ޕޮއިންޓް ކަމެއް ނުނިންމަ އެވެ.
މީގެ އިތުރުން ޕްރެމިއާ ލީގުން ވަނީ އަމިއްލަ ކުލަބުގެ މުދާ އަމިއްލަ ކުލަބަށް ވިއްކުން ވެސް މަނާކޮށްފަ އެވެ. މި ގޮތަށް ހެދީ ކުލަބު ހިންގާ ކުންފުންޏަށް ކުލަބުގެ އަންހެން ޓީމާއި ކުލަބުގެ މުދަލުގެ ތެރޭގައި ހިމެނެ ހޮޓާފަދަ ތަކެތި ވިއްކާފައިވާތީ އެވެ.
މި ބަދަލުތައް ގެނައުމަށް ނެގި ވޯޓުގައި ހަ ކުލަބަކުން ވޯޓު ދިނީ ދެކޮޅަށެވެ. އެއްކޮޅަށް ވީޓު ދޯގެން ބަދަލުތައް ފާސްކުރީ 14 ކުލަބުގެ ވޯޓުންނެވެ.
އިނގިރޭސި ކުލަބުތަކުން މި ގޮތަށް ނިންމި މައިގަނޑު ސަބަބަކީ ލީގުގައި މިހާރު ހައްދެއްނެތި ހޭދަކުރެވޭ ގޮތަށް އޮތުމުން ކުލަބުތަކުގެ މެދުގައި އޮންނަ ހަމަހަމަކަން ނެތިދާތީ އެވެ.
ޕްރެމިއާ ލީގުން ބުނީ މިއީ ކުރިމަގަށް ވިސްނާފައި ދެމެހެއްޓެނިވި ގޮތެއް ލީގާއި ކުލަބުތަކަށް ކުރިއަށް ދެވޭނެ ގޮތެއް ހޯދައިދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ. އަދި ފުޓްބޯޅައިގައި ހައްދެއްނެތި ހޭދަ ކުރަން ޖެހުމުން ކުލަބުތަކަށް ލިބޭ ގެއްލުން ބޮޑު ކަމަށާއި މިހާރު ވެސް ދަރަނީގައި ވާ ކުލަބުތައް މަދު ނޫން ކަމަށެވެ. ނަމަވެސް މި ބަދަލުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ޓީމުތަކުގެ ވާދަވެރިކަން އިތުރުވެފައި ފައިސާ މެނޭޖްކުރުމާއި އެނޫން ވެސް ގިނަ ކަންކަން ރަނގަޅު ވެގެންދާނެ ކަމަށެވެ.