އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް ކޯފާ އަންނާނެކަމެއްކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދު ހުކުރު ޚުޠުބާގެ މައުޟޫއަކީ ނަމާދު އެޅުމުގެ ނުރައްކާތެރިކަމެވެ.
ހުކުރު ޚުޠުބާގައި ވިދާޅުވީ މުސްލިމަކަށްވުމަށް ފަހު އޭނާގެ އިސްލާމްކަން ދައްކުވައިދޭ މައިގަނޑު ކަމަކީ ނަމާދުކަމަށެވެ. ނަމާދަށް ފަރުވާތެރިވުމާއި ނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ތިމާގެ އިސްލާމްވަންތަކަން ދައްކުވައިދޭ ރަމްޒެއް ކަމަށެވެ.
ނަމާދަކީ އަމާންކަމާއި ރައްކާތެރިކަން އަޅާއަށް ކަށަވަރުކޮށްދޭ އަޅުކަމެކެވެ. ކާމިޔާބާއި ނަޞްރު ލިބުމަށް މަގު ފަހިކޮށްދޭ އަޅުކަމެކެވެ. ޢިއްފަތްތެރިކަމުގައި ދެމިހުރުމަށް ބާރެކެވެ. އިޖުތިމާޢީ ގޮތުން ތަރުބިޔަތު ލިއްބައިދޭ ކަމެއްވެސް މެއެވެ. ނަމާދަކީ މުންކަރާތްތަކާ ދުރުކޮށްދޭ ވަސީލަތެއް ކަމުގައި ޚުޠުބާގައި ވިދާޅުވިއެވެ.
ނަމާދަކީ ގަދަވެ ހެޔޮ ޙާލުގައްޔާއި ބަލި ޙާލުގައި އޮންނަ އިރުގައްޔާއި ރަށުގައި ޤާއިމުވެ ހުންނަ އިރާއި ދަތުރުމަތީގައި އުޅޭ އިރު ވެސް ކުރުމަށް އަންގަވައިފައިވާ އަޅުކަމެކެވެ. ހަނގުރާމައިގެ ޙާލަތުގައި ވެސް ދޫކޮށްނުލުމަށް އަންގަވައިފައިވާ އަޅުކަމެކެވެ. ވީ އިރު މި އަޅުކަމަށް ފަރުވާތެރިވުމަކީ މުހިންމު ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
އިސްލާމްދީނުގައި ނަމާދަށް މިހާ މަތިވެރި މަޤާމެއް ދީފައިވާ އިރު ނަމާދުތަކަށް ފަރުވާކުޑަކުރުމާއި ނަމާދު އެޅުމުން ދުރުހެލިވުމަކީ އަހަރެމެން ކޮންމެ މުސްލިމަކު އޭނާގެ ދުވަހީ ތާވަލު އެކުލަވައިލާ އިރު ސަމާލުވާން ޖެހޭނޭ ކަމެކެވެ. ނަމާދު އެޅުމަކީ ތިމާގެ އިސްލާމްކަމާއި ކާފިރުކަމާ ދެމެދު ވަކިކޮށްދޭ އިންކަމުގައި ސުންނަތުގައިވަނީ އަންގަވައިފައެވެ.
"އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ ހަމައެކަނި ރަމަޟާން މަހު ބަރާބަރަށް ނަމާދުކުރާ މީހުން. އަދި އަނެއްބައި މީހުންނަކީ ހަފުތާގެ ހުކުރުދުވަހު ކުރެވޭ ހުކުރު ނަމާދަށް އެކަނި ޙާޒިރުވާ މީހުން. އަނެއް ބަޔަކީ ކޮންމެ ދުވަހަކު ކުރުމަށް ފަރުޟު ކުރައްވައިފައިވާ ނަމާދުތަކުގެ ތެރެއިން ބައެއް ނަމާދުތައްކޮށް އަނެއް ބައި ނަމާދުތައް ނުކުރާ މީހުން. މިއިން އެއްވެސް ބަޔަކު ނަމާދުތަކަށް ފަރުވާކުޑަކޮށްލައިފައި ވަނީ ނަމާދަށް އިންކާރުކުރާ ޙާލުގައި ނޫންކަމުގައިވީ ނަމަވެސް އިސްވެދިޔަ ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި އެއީ ނުހަނު ފާފަވެރިވާނޭ ކަމެއް." ޚުޠުބާގައި ވިދާޅުވިއެވެ.
ޙުޠުބާގައި ވިދާޅުވީ ކޮންމެ މުސްލިމަކު ވެސް އޭނާގެ ނަފުސު ހިސާބުކޮށް ނަފުސަށް ގެންނާން ޖެހޭ ބަދަލުތަކާ މެދު ވިސްނުން އަވަސްކުރާން ޖެހޭކަމަށެވެ. މަރު އައިސް ތިމާއާ ބައްދަލުކުރާނީ ކޮން އިރަކުކަމެއް އެއްވެސް މަޚުލޫޤަކަށް ނޭނގޭނެކަމަށެވެ. ޚުޠުބާގައި ވިދާޅުވީ ނަމާދު އެޅުމަކީ އެ ކަމުގެ ޢުޤޫބާތުގެ ބޮޑުކަމާއި އެ ކަމުގެ ފާފައިގެ ބޮޑުކަން އަންގަވައިފައިވާ ކަމެކެއްކަމުގައިވާއިރު، އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް ﷲ تَعَالَىގެ ކޯފާ އަންނާނެކަމެއްކަން ދަންނާން ޖެހޭކަމަށެވެ.
އަހަރެމެންނަކީ ފާފަކުރެވޭނޭ މީހުންކަމުގައިވާއިރު، ނަމާދަކީ އެ އަޅުކަމުގެ ސަބަބުން އަހަރެމެންނަށް ކުރެވޭ ކުދި ފާފަތައް ފުއްސަވާނޭ އަޅުކަމެއްކަން ވަނީ ޚުޠުބާގައި ހަނދާންކޮށްދީފައެވެ.