ސިޔާސީ

"ގޮންޖެހުންތަކާއެކުވެސް ތަރައްޤީގެ މަޝްރޫޢުތައް ދަނީ ކުރިއަށް"


ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ހިންގަވާ މަޝްރޫޢުތައް ހުއްޓުވުމަށް އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި މަސައްކަތްކުރާ ކަމަށާއި, އެހެންނަމަވެސް ސަރުކާރުގެ އަޒުމަށާއި، ސަރުކާރުގެ ހިތްވަރަށް ބަދަލެއް ނާންނާނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. ހދ. ނޮޅިވަރަމް ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ފެއްޓެވުމުގެ ގޮތުން އެރަށުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދާއި، ތަރައްޤީއަށް ހިންގޭ ބޮޑެތި މަޝްރޫޢުތައް ބަރޯސާވަނީ ދައުލަތަށް ލިބޭ ޢާމްދަނީއާއި ބޭރު ފަރާތްތަކުން ދޭ ލޯން އެހީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާގެ މައްޗަށްކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ހިންގަވާ މަޝްރޫޢުތައް ހުއްޓުވައި، ސަރުކާރާމެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ނަގާލުމަށް އިދިކޮޅު ފަރާތްތަކުން އެކިގޮތްގޮތުން މަސައްކަތް ކުރަމުންދާކަމަށާއި، އެކިކަހަލަ ގޮންޖެހުންތައް ސަރުކާރަށް ކުރިމަތިކުރުވާކަމަށެވެ.

ބޭރު ޤައުމުތަކުގައި ތިބެގެން، ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކުރުމަށާއި، ރާއްޖެއިން އުފައްދާ މަހުގެ އުފެއްދުންތައް ނުގަތުމަށް ގޮވާލާ ގޮވާލުންތަކަކީ ސިދާ ރާއްޖޭގެ އިޤްތިޞާދު ފުޑުފުޑުކޮށްލުމަށް ހިންގާ ޢަމަލުތަކެއް ކަމަށް މިނިސްޓަރ ޠާރިޤް ތުހުމަތުކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ދެއްވާ އަސާސީ ޚިދުމަތްތަކަށް އެކަންކަމުގެ ސަބަބުން ހުރަސްއެޅިގެންދާކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ މިފަދަ ޢަމަލުތަކުގެ ސަބަބުން، ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާގެ އެހީ ހޯދުމުގައި އެކިކަހަލަ ގޮންޖެހުންތަކާ ކުރިމަތިވަމުންދާކަންވެސް މިނިސްޓަރ ޠާރިޤް ފާހަގަކުރެއްވިއެވެ.

img:http://s2.psmnews.mv/images/660x400/9798.jpg|ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަދި އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް / ފޮޓޯ: ޕީއެސްއެމް

"އަޅުގަނޑުމެންގެ ބަޖެޓަށް ފައިސާ މި ހޯދަނީ ފަތުރުވެރިކަމާއި، މަސްވެރިކަމުގެ ދާއިރާއިން.. މި ދެ ކަންތަކަށް ހުރަސްއަޅާތަން އެބަފެނޭ އިދިކޮޅު ފަރާތްތަކުން.. ބޭރު ޤައުމުތަކަށް ގޮސް، ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކުރުމަށް ގޮވާލުމާއި، ރާއްޖޭގެ މަހުގެ އުފެއްދުންތައް ނުގަތުމަށް ގޮވަލާ.. މިކަހަލަ ކަންތައްތަކުގެ ސަބަބުން ސީދާ ރާއްޖޭގެ އިޤްތިޞާދާއި އެ ކުޅެވެނީ.. ޕީ.އެސް.އައި.ޕީގެ ދަށުން ކުރާ މަސައްކަތްތަކަށްވެސް ހުރަސްއެޅެނީ.. ދެން އޮތީ ބޮޑެތި ޕްރޮޖެކްޓްތަކަށް ވަރަށް ކުޑަ އިންޓްރެސްޓެއްގައި ލޯން ނެގުމުގެ ކަންތައްތައް.. އެކަންތަކަށްވެސް ހުރަސް އެޅިގެންދޭ މިފަދަ އަމަލުތަކުގެ ސަބަބުން." ޠާރިޤް ވިދާޅުވިއެވެ.

މިނިސްޓަރ ޠާރިޤް ވިދާޅުވީ، ސަރުކާރުން ހިންގަވާ މަޝްރޫޢުތައް ހުއްޓުވުމަށްޓަކައި އެކިކަހަލަ ފިއްތުންތަކާއި، ގޮންޖެހުންތައް އިދިކޮޅު ފަރާތްތަކުން ކުރިމަތިކުރުވި ނަމަވެސް، ސަރުކާރުގެ ހިތްވަރާއި، ޢަޒުމަކަށް ކުޑަވެސް ބަދަލެއް ނާންނާނެކަމަށެވެ. އަދި ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.