އަބުރުރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގައި، ޤާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތެއްގެ އަސާސީ ޙައްޤެއްގެ ގޮތުގައި ބަޔާންކޮށްފައިވާ އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ކަށަވަރުކޮށްދެއެވެ. އެމީހަކު މުޖުތަމަޢުގައި އަދާކުރާ ޙައިޞިއްޔަތަކަށް ބެލުމެއްނެތި، މުޅި މުޖުތަމަޢުގެ އެންމެހައި ފަރުދުންގެ އަބުރާ ކަރާމާތަކީ، ދިވެހިރާއްޖޭގެ ދުސްތޫރުން ރައްކާތެރިކޮށްދޭ އެއްޗެއްކަން މިޤާނޫނު ކަށަވަރުކޮށްދެއެވެ. މިއީ އިޖްތިމާޢީ އެތައް މައްސަލައަކަށް ލިބިގެންދާނެ ދެމެހެއްޓެނިވި ޙައްލެކެވެ.
ޕީ.އެސް.އެމްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އިލްޙާމް އަޙްމަދު ވިދާޅުވީ އަބުރު ރައްކާތެރިކޮށްދިނުމާބެހޭ ޤާނޫނު ތަންފީޒުކުރައްވަން ފެއްޓެވުމަކީ އިޖްތިމާޢީ ގޮތުން ދުޅަހެޔޮ، ތަހުޒީބު މުޖުތަމަޢަކަށް ޢަމާޒު ހިއްޕަވައި ދައުލަތުގެ ބާރުތަކުން ކުރައްވާ މަސައްކަތަށް ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއްކަމަށެވެ.
މިޤާނޫނާއެކު އިޖްތިމާޢީ އެތައް މައްސަލަތަކަކަށް ޙައްލު ލިބިގެންދާނެކަމަށް ކަމުވޮށިގެންވާ އެތައްބަޔަކު ވިދާޅުވާ ވިދާޅުވުން އިލްޙާމް ތަކުރާރު ކުރެއްވިއެވެ.
"މިއަދު ސިޔާސީ މީހުންނަށްވެސް އެބަ މަޖުބޫރު އެބަވޭ އޮންނަ އިމުގެ ތެރެއިން ވާހަކަދައްކަން. ސިޔާސީ މީހުންނަށްވެސް އެބަ މަޖުބޫރުއެބަވޭ މިޤާނޫނުއަށް އިޙްތިރާމްކުރަން. ޤާޏޫނުގައި ވާކަންކަމަށް މީޑިއާތަކުން ދަނީ ތަބާވަމުން. ޑިސިޕްލިން ސޮސައިޓީއެއް އުފެއްދުމަށްޓަކައި އަބުރު ރައްކާތެރިކުރުމަކީ އެންމެ މުހިންމު އެއްކަންތައް." އިލްޙާމް ވިދާޅުވިއެވެ.
img:http://s3.psmnews.mv/images/660x400/14723122614808.jpg|ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްޙާމް އަޙްމަދު - ފޮޓޯ: ޕީއެސްއެމް ނިއުސް
އިލްޙާމް ވިދާޅުވީ ރާއްޖޭގެ ނަން ކިލަނބުވާގޮތަށް އަދި ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާގޮތަށް އިދިކޮޅު ފަރާތްތަކުން ބޭރުގެ އެކި ޤައުމުތަކުގައި ތިއްބަވައި ބޭރުގެ މީޑިއާތައް މެދުވެރިކުރައްވައި ފަތުރާ ޒިންމާދާރުކަން ކުޑަ މަޢުލޫމާތުތަކަށް މިޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެކަމަށާއި، ޤައުމަށް ހެޔޮއެދޭ އެއްވެސް ފަރާތަކުން އެފަދަ ކަމެއް ނުކުރައްވާނެކަމަށް އިލްޙާމް ވިދާޅުވިއެވެ.
"ޤައުމަށް ނޭދެވޭ އެއްވެސް ވާޙަކައެއް ދެއްކުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި މިޤާނޫނުގައި ބަޔާންކޮށްފައިވާނެ. އަޅުގަނޑު ޤަބޫލުކުރާހިތް އޮތީ ސަރުކާރުން ކަންކަން ކުރައްވާ ގޮތަށް ބަލާއިރު މިފަދަ ކަންކަމުގައި ސަރުކާރުން ފިޔަވަޅު އަޅުއްވާނެ. ޤައުމުން ބޭރުގައި ތިއްބަސް އަބަދު ފިލައިގެން ނޫޅެވޭނެ އެއްވެސް ފަރާތަކަށް. ޤާނޫނު އެމީހުންނާ އަރާ ހަމަކުރާނެ." އިލްޙާމް ވިދާޅުވިއެވެ.
އަބުރު ރައްކާތެރިކޮށްދިނުމުގެ ޤާނޫނަކީ އިދިކޮޅު ފަރާތްތަކާއި މީޑިއާތައް އިތުރަށް ޒިންމާދާރުވުމަށް ލިބިގެންދިޔަ އިތުރު ފުރުޞަތެއް ކަމަށާއި، މިއީ ކޮންމެ ރައްޔިތަކަށް ލިބިގެންދިޔަ ރައްކާތެރިކަމެއްކަމަށްވެސް އިލްޙާމް އަޙްމަދު ވިދާޅުވިއެވެ.