ޚަބަރު

ކުޑަކުދިންނަށް އުފާވެރި މާޙައުލަކާއި ފުރުޞަތުތައް ފަހިކޮށްދޭން މަސައްކަތްކުރަންޖެހޭ: ފަސްޓް ލޭޑީ


  • ކުޑަކުދިންގެ ހައްޤުތައް ކަށަވަރުކުރެވިފައިވާ ރައްކާތެރި މުޖުތަމަޢެއް ޤާއިމުކުރަންޖެހޭކަމަށް ވިދާޅުވި

  • ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހު

ކުޑަކުދިންނަށް އުފާވެރި މާޙައުލަކާއި ފުރުޞަތުތައް ފަހިކޮށްދޭން މަސައްކަތްކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައީސްގެ އަނބިކަނބަލުން މިހެން ވިދާޅުވީ ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނަސާބަތުގައި މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވީ ކޮންމެ ކުއްޖެއްގެ ވާހަކަވެސް އަޑު އަހައި، އެ ކުދިންނަށް ދިމާވާ އެކި ކަންކަމުގައި އެހީތެރިވާންޖެހޭ ކަމަށެވެ.

މެޑަމް ސާޖިދާ ވިދާޅުވީ ކުޑަކުދިންގެ ހައްޤުތައް ކަށަވަރުކުރެވިފައިވާ ރައްކާތެރި މުޖުތަމަޢެއް ޤާއިމުކޮށް، އެ ކުދިން ކުރާ ޚިޔާލާއި އުންމީދުތައް ޙަޤީޤަތަކަށް ހެދޭނެ ފުރުޞަތުތައް ހޯދައިދިނުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް ކަމަށެވެ. އަދި ކުޑަކުދިންނަށް އުފާވެރި މާޙައުލެއް ޤާއިމުކޮށް، ކޮންމެ ކުއްޖަކަށްވެސް ފުރުޞަތުތައް ހޯދައިދޭން މަސައްކަތްކުރަންޖެހޭކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާ ވިދާޅުވީ މިއަދަކީ ކުޑަކުދިންގެ ވާހަކަތައް އަޑު އަހައި، އެ ކުދިންގެ ބޭނުންތައް ފުއްދައިދިނުމަށް ޢަޒުމު ކަނޑައަޅަންޖެހޭ ދުވަހެއް ކަމަށެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހުއެވެ. މިއީ އދ.ގެ ކުޑަކުދިންގެ ޙައްޤުތަކާ ބެހޭ ކޮންވެންޝަނަށް ޢަމަލުކުރަން ފެށި ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް، ކުރިއަރާ ދާން ބޭނުންވާ ކަންކަމުގައި އެ ކުދިންނަށް ފުރުޞަތުތައް ހޯދައިދިނުމެވެ.