ޚަބަރު

"ސްޓޭޓް ފާމަސޫޓިކަލްއަކީ ތަރައްޤީވަމުން އަންނަ ޞިއްޙީ ދާއިރާއަށް މުހިންމު ނިންމުމެއް"


  • ސްޓޭޓް ފާމަސޫޓިކަލް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ ސެޕްޓެންބަރު މަހު

  • ކުންފުނީގެ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ އިދާރީ ކަންކަން މިހާރު އަންނަނީ ކުރަމުން

ޞިއްޙީ ދާއިރާ ތަރައްޤީވަމުން އަންނައިރު އެދާއިރާއަށް ބޭނުންވާ ބޭހާއި އަދި އެނޫންވެސް ވަޞީލަތް ހޯދުމަށް ޚާއްސަ ކުންފުންޏެއް ޤާއިމުވެގެންދިޔުމަކީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޚާއްސަ ކުންފުންޏެއް އުފެއްދެވީ މިއަހަރުގެ ސެޕްޓެންބަރު މަހުއެވެ.

ބޭހާއި ޞިއްޙީ ދާއިރާއަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސް އެތެރެކުރުމަށް އުފައްދަވާފައިވާ ކުންފުންޏާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ "ހަފްތާ 104" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، އެއީ ޞިއްޙީ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް މުހިންމުކަމެއްކަމަށެވެ. އެގޮތުން އަތޮޅުތަކާއި މާލޭގެ ހޮސްޕިޓަލްތަކުގެ ފެންވަރު އަހަރުން އަހަރަށް މަތިވަމުން އަންނައިރު އެތަންތަނަށް ބޭނުންވާ ބޭހާއި ވަޞީލަތްތައް އިތުރުވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެކަމަށް ޚާއްސަ ކުންފުންޏެއް އުފެއްދުމާއެކު މިހާރަށްވުރެ ސަމާލުކަމެއް ދެވިގެން ބޭހާއި ކޮންސިއުމަބްލްސް ގެނެވޭނެ މަގުފަހިވާނެކަމަށް ވިދާޅުވިއެވެ.

"މިސާލެއްގޮތުން ބައްލަވާ ފިއުލް ސަޕްލައި މޯލްޑިވްސްއަށް، އެބޭފުޅުން ރާއްޖެއަށް ތެޔޮ ގެނައުމަށް ދުނިޔޭގެ ބާޒާރުން އެންމެ އަގުހެޔޮކޮށް އަދި އެންމެ ރަނގަޅު ކޮލިޓީގެ ތެޔޮ އެތެރެކުރުމަށް އަބަދުވެސްދާނީ ބަލަމުން މާކެޓަށް. އެހެންކަމުން ރާއްޖެއަށް އަގުހެޔޮކޮށް ރަނގަޅު ތެޔޮ އެތެރެކުރެވޭހެން، ކުރިއަށް އޮތްތަނުގައި ބޭހާއި ކޮންސިއުމަބަލްސްއަށްވެސް ފޯކަސް ކުރެވިގެން އެތަކެތި އެތެރެކުރާނެ ކުންފުންޏެއް މިއައީ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ނާޡިމް ވިދާޅުވީ، ޞިއްޙީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މިއީ މުހިންމު ފިޔަވަޅެއްކަމަށެވެ. ކުންފުނި ކޮޅަށް ޖެހުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް މިހާރު ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެ އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމުގެ ގޮތުން ސަރުކާރުން އުފައްދަވާފައިވާ ކުންފުންޏެކެވެ. ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކަށް ޢައްޔަން ކުރައްވާފައިވަނީ ޞިއްޙީ ދާއިރާގައި ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއްކަމަށްވާ ޑރ.ޝާޙް މާހިރެވެ.

ޤައުމީ ހެލްތު އިންޝުއަރެންސްގެ ނިޒާމުގެ ތެރެއިން އެންމެ ބޮޑު ހޭދައެއްކުރަނީ ބޭސް އެތެރެކުރުމަށެވެ. އެހެންކަމުން ބޭހާއި ވަޞީލަތްތައް އެތެރެކުރުމަށް ޚާއްސަ ކުންފުންޏެއް އައުމާއެކު ބޭހާއި ވަޞީލަތްތައް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މެދު ނުކެނޑި ބޭހާއި ވަޞީލަތް ހަމަކުރުމަށްވެސް މިއީ ކޮންމެހެން މުހިންމުކަމެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.