ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ޑްރައިވަރުން ހޯދަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއިން އިޢުލާންކޮށްފިއެވެ.
އެމްޓީސީސީން ވަނީ ޕާޓްޓައިމްކޮށް މަސައްކަތް ކުރާނެ ޑްރައިވަރުންނާއި ފުލްޓައިމްކޮށް މަސައްކަތް ކުރާނެ ޑްރައިވަރުން ހޯދުމަށް އިޢުލާންކޮށްފައެވެ. ޓެކްސީ ލައިންގެ ޚިދުމަތް ދިނުމަށްޓަކައި 407 ޑްރައިވަރުން ބޭނުންވެއެވެ. އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ ޕާޓްޓައިމްކޮށް މަސައްކަތް ކުރާގޮތަށެވެ. އަދި ބާކީ 285 ޑްރައިވަރުން ހޯދަނީ ފުލްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ. އެމްޓީސީސީން ވަނީ ޑްރައިވަރުންނަށް ވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު އަންނަ މަހުގެ 17 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައެވެ.
މާލޭ ޓެކްސީ ޚިދުމަތަށް ބޭނުންވާ މުވައްޒަފުންގެ ޑްރައިވަރުން ނެގުމުގައި މިވަގުތު ޓްރާންސްޕޯޓް މިނިސްޓްރީގައި އެކުލަވާލާފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އިސްކަން ދޭނެކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
ސަރުކާރުން ޓެކްސީ ލައިނެއް ތަޢާރަފުކުރުމަށް ނިންމީ، ޓެކްސީ ހޯދުމުގައި އާއްމުންނަށް ދިމާވާ ދަތިތައް ޙައްލުކޮށް، ބަރޯސާވެވޭ ލުއިފަސޭހަ ޚިދުމަތްތަކަށް އެޚިދުމަތް ހެދުމަށެވެ. މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީޓެކްސީ ލައިންގެ ޚިދުމަތް އަންނަ ޖެނުއަރީގެ ނިޔަލަށް ފަށާނެކަމަށެވެ.
ސަރުކާރުން ކުރިން ނިންމާފަވަނީ މިއަހަރުގެ އޮގަސްޓް މަހު ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށެވެ. ވަޒީރު ވިދާޅުވީ ރާއްޖެއިން ގެންނަން ނިންމާފައިވަނީ އިލެކްޓްރޯނިކް (އީވީ) ކާރުތަކަކަށްވުމާއެކު، އެ އުޅަނދުތައް ރާއްޖޭގެ މާޙައުލާ ބީރައްޓެހި ގޮތަކަށް ފަރުމާކޮށް ގެނެސްފިނަމަ ގިނަ މައްސަލަތަކެއް ކުރިމަތިވާނެކަން އެ ކާރުތައް އުފައްދާ ކުންފުނިންވެސް ފާހަގަކޮށްފަވާކަމަށެވެ.
މިކާރުތައް ދުއްވަނީ މޫދާ ކައިރި މާޙައުލަކަށްވުމާއެކު، ލޮނުގެ އަސަރު ކުޑަވާނެގޮތަށް ކާރުތަކަށް ބައެއް މޮޑިފިކޭޝަންތައް ނުވަތަ ބަދަލުތައް ގެންނަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ މި ޚިދުމަތް ފެށުމަށް ލަސްވަމުންދާ މައިގަނޑު ސަބަބުކަމަށާއި ނަމަވެސް އެ ބަދަލުތަކާއެކު އުޅަނދުތައް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ ޓެކްސީ ލައިންގައި ބޭނުންކުރާނީ %100 ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މީގެތެރޭގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ. މި ހިދުމަތް ދޭން ހަމަޖެހިފައި ވަނީ ހިދުމަތް ދިނުމަށް ހާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށް، ރާއްޖެއިން ބޭރުގައި ދޭ އޫބާ އާއި ގްރޭބް ފަދަ ހިދުމަތްތަކުގެ ސްޓައިލަށެވެ.