ކުޅިވަރު

ލަޕޯޓާއާ ދޮޅަށް އިދިކޮޅު ކެނޑިޑޭޓުން އެކުވެގެން ކެމްޕޭން ފަށައިފި


ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާއާ ދެކޮޅަށް އިދިކޮޅު ކެނޑިޑޭޓުން އެކުވެގެން ކެމްޕޭން ފަށައިފިއެވެ.

އަންނަ އަހަރު ބާއްވާ ބާސެލޯނާގެ އިންތިހާބަށް ތައްޔާރުވުމަށް ކެނޑިޑޭޓުން އެކުވެގެން މަސައްކަތް ފެށީ ލަޕޯޓާ ބަލިކުރެވެން އޮތް ހަމައެކަނި ގޮތަކީ މިއީ ކަމަށް ދެކިގެންނެވެ. އިދިކޮޅު ކެމްޕޭން ލީޑް ކުރަނީ އެންމެ ފަހުގެ އިންތިހާބުގައި ލަޕޯޓާއާ އެންމެ ގާތުން ވާދަކުރި ކެނޑިޑޭޓް ވިކްޓަރ ފޮންޓެވެ. އޭނާ އަކީ ވިޔަފާރި ވެރިއެކެވެ. މިހެންވެ ޔަގީންވާ ކަމަކީ އިންތިހާބުގައި ފޮންޓް ވާދަކުރާނެ ކަމެކެވެ. ނަމަވެސް ލަޕޯޓާއާ ވާދަކުރަން ދެން ނުކުންނަ ކެނޑިޑޭޓުން ރަސްމީކޮށް އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ފޮންޓަށް ތާއީދު ކުރި މީހުންގެ ތެރޭގައި ބާސެލޯނާގެ ކުރީގެ ކެޕްޓަން އަދި ކޯޗު ޒަވީ ހަނާންޑޭޒް ހިމެނެ އެވެ. ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވެސް ޒަވީ ބައިވެރިވި އެވެ. ފޮންޓްގެ ކެމްޕޭނުގެ ޝިއާރަކަށް ހަމަޖައްސާފައިވަނީ "އަހަރުމެން" އެވެ.

ބާސެލޯނާގެ އިންތިހާބުގައި ބާއްވާނެ ސީދާ ދުވަހެއް އަދި ނުނިންމަ އެވެ. ނަމަވެސް ލަޕޯޓާ އަންނަ އަހަރުގެ މެދުތެރޭގައި ނުވަތަ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން މަޝްވަރާކޮށްފަ އެވެ. ފޮންޓް ބާރު އަޅަނީ ސީޒަން ނިމި އައު ސީޒަން ފެށުމުގެ ކުރިން އައު ރައީސަކު އިންތިހާބު ކުރުމަށެވެ.

މިއީ ބާސެލޯނާގެ ރައީސްކަން ލަޕޯޓާ ކުރާ ދެ ވަނަ ފަހަރެވެ. ޕެޕް ގާޑިއޯލާ ބާސެލޯނާގެ ކޯޗަކަށް ގެނެސް ޔޫރަޕުގައި ބާސެލޯނާ ރަސްކަން ކުރީ ވެސް އޭނާގެ ރައީސް ކަމުގަ އެވެ. އޭގެ ފަހުން ރައީސް ކަމަށް ވަޑައިގަތީ 2021 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބުކޮށްގެންނެވެ.