އޭނާ މި ސީޒަނުގައި 100 ގޯލު ޖެހި ނަމަވެސް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ނުވަތަ އެ މަގާމަށް ހޮވޭ ކުޅުންތެރިޔާ އަށް ދޭ ބަލޮންޑޯ އެވޯޑް ނުލިބޭނެ ކަމަށް އިނގިރޭސި ކެޕްޓަން ހެރީކޭން ބުނެފިއެވެ.
ޖަރުމަނުގެ ބަޔާން މިއުނިކްގައި ވެސް މޮޅަށް ކުޅެ ގިނަ ގޯލުތަކެއް ޖަހަމުންދާ ފޯވަޑް ބުނީ އެ މަގާމު ހޯދެން އޮތީ ދެ ގޮތެއް ކަމަށެވެ.
"އަހަރެން ބޭނުންވަނީ ވޯލްޑް ކަޕް ނުވަތަ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން. އެ ނޫން ގޮތަކަށް އަހަރެން މި ސީޒަނުގައި 100 ގޯލު ޖެހިޔަސް އަހަރެންނަށް ބަލޮންޑޯއެއް ނުލިބޭނެ. އެއީ ޔަގީން ކަމެއް. އެހެންވީމާ އަހަރެން ވަރަށް ސަމާލުކަން ދޭ ދެ މުބާރާތް މިއީ،" ކޭން ބުންޏެވެ.
ކޭން އަކީ މިވަގުތު ޔޫރަޕުގައި ކުޅެމުންދާ އެންމެ ގޯލާ ރައްޓެހި އެއް ފޯވަޑެވެ. އޭނާ އާއި ބަޔާން މިއުނިކް ހަދާފައިވާ ކޮންޓްރެކްޓްގައި މި ސީޒަނަށް ފަހު އޮންނާނީ އެންމެ އަހަރެކެވެ. މިހެންވެ އޭނާ ގަތުމަށް ސްޕޭނުގެ ބާސެލޯނާއިން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ކޭން ވަކި އެއްޗެއް ނުބުނެ އެވެ.