ދުނިޔެ

ތުރުކީގެ އެއާޕޯޓަކަށް ރޭ ދަންވަރު ރޮކެޓް ޙަމަލާތަކެއް ދީފި


ތުރުކީގެ އިރުދެކުނުން މުހިންމު ސިޓީއެއް ކަމަށްވާ ދިޔާރުބަކިރުގެ އެއާޕޯޓަށް ރޭ ދަންވަރު ރޮކެޓް ޙަމަލާތަކެއް ދީފިއެވެ. އެއާޕޯޓްގެ ވީއައިޕީ ލައުންޖަށް އަމާޒުކޮށް 4 ރޮކެޓް ޙަމަލާ ދީފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މިޙަމަލާއާއި ގުޅިގެން އެތާ ތިބި ފަސިންޖަރުންނާއި އެއާޕޯޓް މުވައްޒަފުން ޓަރމިނަލް ބިލްޑިންގ ތެރެއަށް ގެންގޮސްފައިވާ ކަމަށާއި، ނަމަވެސް މީހަކަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ޚަބަރު ލިބެއެވެ.

ރޭގެ ޙަމަލާއަކީ ކުރުދީ ހަނގުރާމަވެރިން ދީފައިވާ ޙަމަލާއެއް ކަމަށް ޝައްކުކުރެވޭ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. މި ޙަމަލާގެ ސަބަބުން ދިޔާރުބަކިރު އެއާޕޯޓަށް ޖައްސަން އޮތް އެއްވެސް ފްލައިޓެއް ކެންސަލް ކޮށްފައިނުވާ ކަމަށް ތުރުކީގެ އޮފިޝަލުން ވިދާޅުވެއެވެ. މިޙަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.  

ދިޔާރުބަކިރު އަކީ ކުރުދީންގެ އަޣުލަބިއްޔަތު އޮންނަ އިރުދެކުނު ސަރަޙައްދުގެ އެންމެ ބޮޑު ސިޓީއެވެ. ރޭގެ ރޮކެޓް ޙަމަލާދީފައި މިވަނީ އައިއެސް އަދި ކުރުދީ ހަނގުރާމަވެރިންނާއި ދެކޮޅަށް ތުރުކީގެ އަސްކަރިއްޔާއިން ވަރުގަދަ އޮޕަރޭޝަނެއް ފަށާފައި ވަނިކޮށެވެ.