ދުނިޔެ

ބަންގްލަދޭޝްގައި މިދިޔަމަހު ދިން ޙަމަލާރޭވި އިސްފަރާތް މަރާލައިފި


ބަންގްލަދޭޝްގެ ކެފޭއަކަށް މިދިޔަމަހު ދިން ޙަމަލާ ރޭވި އިސްފަރާތް ކަމަށްވާ ތަމީމު ޗައުދަރީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަރާލެވިފައިވާ ކަމަށް ބަންގްލަދޭޝް ފުލުހުން ބުނެފިއެވެ.

ޖުލައި 1 ވަނަ ދުވަހު ހަތިޔާރު އެޅި ބަޔަކު ފޮނުވައިގެން ޑާކާގެ މަޤްބޫލް ކެފޭއަކަށް ދިން ޓެރަރިސްޓް ޙަމަލާގައި 22 މީހުން މަރުވެފައިވެއެވެ. އޭގެތެރޭގައި ގިނައީ ބޭރު ޤައުމުތަކުގެ ރައްޔިތުންނެވެ. ހަތިޔާރުއެޅި މީހުން ކެފޭއަށް ވަނުމަށްފަހު އެތާ ތިބި މީހުން 12 ގަޑިއިރު ވަންދެން ރަހީނު ކޮށްފައިވެއެވެ. ރަހީނުކުރި މީހުން ސަލާމަތް ކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަންގައި ހަތިޔާރުއެޅި 6 މީހުން މަރުވެފައިވެއެވެ.

ފުލުހުންގެ އިސް އޮފިޝަލެއް ކަމަށްވާ ސަންވާރު ޙުސައިން މަޢުލޫމާތު ދިންގޮތުގައި ވެރިރަށް ޑާކާގެ ދެކުނުން 25 ކިލޯމީޓަރު ދުރު ހިސާބެއްގައި ތަމީމް ޗައުދަރީ ފިލައިގެން އުޅޭ ތަނަށް ފުލުހުން ގޮސް ހިންގި އޮޕަރޭޝަނެއްގައި ގަޑިއެއްހާއިރު ވަންދެން ދެފަރާތުން ޙަމަލާ ބަދަލުކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. އިއްޔެގެ ޙަމަލާތަކުގައި އިތުރު 3 ހަނގުރާމަވެރިން މަރުވެފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. ކެނެޑާގެ ސިޓިޒަންޝިޕްވެސް އޮންނަ ތަމީމް ޗައުދަރީ އެނބުރި ބަންގްލަދޭޝް އަށް އައިސްފައިވަނީ 2013 ވަނަ އަހަރުއެވެ.