ދުނިޔެ

އިޓަލީވިލާތަށް އައި ބިންހެލުމުގައި މަރުވިމީހުންގެ ޖަނާޒާ ބޭއްވުން


އިޓަލީވިލާތުގެ މެދުތެރޭ ފަރުބަދަ މަތީ ޞަރަޙައްދަކަށް މިދިޔަ ބުދަ ދުވަހު އައި ބާރުގަދަ ބިންހެލުމުގައި މަރުވި 291 މީހުންގެ ޖަނާޒާ ބާއްވައިފިއެވެ.

ޤައުމީ ފެންވަރުގައި ހޮނިހިރު ދުވަހު ބޭއްވި ޖަނާޒާގައި އެ ޤައުމުގެ ބޮޑުވަޒީރު މަތެއޯ ރެންޓްޒީއާއި، ރައީސް ސެރްޖިއޯ މަތަރެއްލާ ބައިވެރިވެ ވަޑައިގެން މަރުވި މީހުންގެ އާއިލާތަކާއި ބައްދަލުކުރައްވާ ތައުޒިޔާ ވިދާޅުވެފައިވެއެވެ. އަދި ޖަނާޒާގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ އާންމުންވެސް ޖަނާޒާ ބޭއްވި ސްޕޯޓްސް ހޯލަށް ޖަމާވެފައި ތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ.  

މި ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އަމަތުރީޗޭ ކިޔާ ރަށަކަށެވެ. މިތަން ވަނީ އެއްކޮންހެން ބިމާ ހަމަވެފައެވެ. މީގެ އިތުރުން، ލަޓްޒިއޯއާއި، މާރްކޭ އަދި އުމްބްރިއާ އަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. 6.0ގެ ބާރުމިނުގައި ބުދަދުވަހު އިޓަލީއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އިޓަލީވިލާތުގެ ރައްޔިތުންނެވެ. މި ޙާދިސާގައި އިނގިރޭސި ވިލާތުގެ 3 މީހުންވެސް މަރުވެފައިވެއެވެ.

ބުދަ ދުވަހުގެ ބިންހެލުމަށްފަހު، އެ ޞަރަޙައްދަށް 1،300 އަށްވުރެ ގިނަ ގުޑުން އައިސްފައިވާ ކަމަށް އެ ޤައުމުގެ ޖިއޮލިޖިކަލް އިންސްޓިޓިއުޓުން މަޢުލޫމާތުދެއެވެ. މިއީ 2009 ވަނަ އަހަރަށްފަހު އިޓަލީވިލާތަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

މި ބިންހެލުމާއި ގުޅިގެން 2،500 އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް ސަރަޙައްދީ އިދާރާތަކުން ބުނެއެވެ. މިހިސާބަކީ ޓުއަރިޒަމް ވިޔަފާރިޔަށް ވަރަށް ބޮޑަށް ބަރޯސާވާ ހިސާބަކަށްވާއިރު ގިނަބަޔެއްގެ ވިޔަފާރިތައްވަނީ އެއްކޮށް ވީރާނާ ވެގެން ގޮސްފައެވެ. ގެދޮރު ގެއްލިފައިވާ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.