ކުޅިވަރު

ރާއްޖެ ބަލިކުރުމަކީ ފަސޭހަކަމެއް ނޫން، މެޗު ފަސޭހަކޮށްނުލުމަށް ކުޅުންތެރިންނަށްވާނީ އިރުޝާދު ދީފަ: ފިލިޕީންސް ކޯޗު


އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ފިލިޕީންސްގެ ގައުމީ ފުޓްބޯޅަ ޓީމުން ރާއްޖެއާއި ދެކޮޅަށް މާދަމާ ނުކުންނަށް ތައްޔާރުވަމުން އަންނައިރު ރާއްޖެ ބަލިކުރުމަކީ ފަސޭހަކަމެއް ނޫންކަމަށާ މެޗު ފަސޭހަކޮށްނުލުމަށް ކުޅުންތެރިންނަށް އިރުޝާދު ދީފަވާނެކަމަށް އެޓީމުގެ ކޯޗު ކާރލެސް ކޫޑްރެޓް ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު ބުނީ ރާއްޖޭގެ ގައުމީ ޓީމާ ދެކޮޅަށް ކުޅުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ. މިހާތަނަށް ރާއްޖެއާއި ވާދަކޮށް ފިލިޕީންސްއިން މެޗުތައް ކާމިޔާބުކޮށްފަވީނަމަވެސް ކުރިއަށް އޮތް މެޗުގެ ނަތީޖާ އެގޮތަށް ނުކުމެދާނެކަމަށް އަންދާޒާކޮށް މެޗު ފަސޭހަކޮށްނުލުމަށް ކުޅުންތެރިންނަށް އިރުޝާދުދީފަވާނެކަމަށް އޭނާވަނީ ފާހަގަކޮށްފައެވެ.

"ރާއްޖެ ޓީމަކީ ފެންވަރު ރަނގަޅު ޓީމެއް. ވަރަށް މޮޅެތި ކުޅުންތެރިން ޓީމުގަ އެބަ ހިމެނޭ. ޓީމެއްގެ ގޮތުގަ ވަރަށް ރަނގަޅު ޓީމެއް އެއީ. ޓީމުގަ މާޒިޔާގެ ކުޅުންތެރިން ގިނަވީމަ ދެކެފަރިތަވުމުގެ ފައިދާ އޮންނާނެ. އެހެންވީމާ މިމެޗު ފަސޭހައެއް ނުވާނެ" ކޯޗު ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެޓީމުގެ ހުނަރުވެރި ޑިފެންޑަރު ޖެފާސަން ޓެބިނާސްވެސް ބައިވެރިވެފަވާއިރު އޭނާ ބުނެފަވަނީ ރާއްޖެއަކީ ހޫނު ގައުމެއްކަމުން އެކަމުގެ އަސަރު ކުޅުންތެރިންނަށް ކޮންމެވެސް ވަރަކަށް ކުރާނެކަމަށް ބެލެވޭކަމަށެވެ. އެހެންނަމަވެސް ހިތްވަރާއެކު މަސައްކަތްކުރާނީ މެޗު ކާމިޔާބުކޮށް ތިން ޕޮއިންޓު ކަށަވަރުކުރުމަށްކަމަށް އޭނާ ބުންޏެވެ.

"އަހަރުމެން ރާއްޖެއަށް އައިއިރު މިކޮޅަށް ވަރަށް ހޫނުގަދަ. އެހެންނަމަވެސް މެޗުގެ ކުޅުމަށް އެކަމުގެ އަސަރުކުރިޔަނުދީ ކުޅެވޭތޯ ބަލާނަން" ޓެބިނާސް ބުންޏެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެޓީމުންވަނީ ރާއްޖޭގެ ހޫނަށް ހޭނިލުމަށްޓަކައި ދުބާއީގައި ތިން ދުވަހު ކޭމްޕެއްވެސްކޮށްފައެވެ. މެޗު ފަށާ ވަގުތަކީވެސް ވަރަށް ހޫނު ގަދަ ގަޑިއެއްކަމަށާ ދުބާއީގައި ޓީމު ކޭމްޕްކުރުމުގެ ސަބަބުން ކުޅުންތެރިން ރާއްޖޭގެ މޫސުމަށް ހޭނިލުމަށް ފަސޭހަވިކަމަށް ޓީމުގެ ކޯޗު ބުންޏެވެ.

"މެޗަށް ތައްޔާރުވުމުގެ ގޮތުން އަހަރުމެންވާނީ ދުބާއީގަ ކުރު ޓްރެއިނިންގ ކޭމްޕެއް ބާއްވާފަ. އެ ކޭމްޕުގެ ބޭނުމަކީ ރާއްޖޭގެ މޫސުމަށް ހޭނިލުން. މިދުވަސްކޮޅު ރާއްޖެއަށް ވަރަށް ހޫނު ގަދަ" ކޯޗު ބުންޏެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗުވަނީ ރާއްޖޭގެ ކުޅުންތެރިންނަށް ތައުރީފުކޮށްފައެވެ. އޭނާ ބުނީ ރާއްޖޭގެ ކުޅުންތެރިންނަކީ ހުނަރުވެރި ބައެއްކަމަށެވެ. އެކަން އަބަދުވެސް ހަނދާނުގަ ބެހެއްޓުމަށް ފިލިޕީންސް ކުޅުންތެރިންނަށް އިރުޝާދުދީފަވާނެކަމަށާ މާދަމާގެ މެޗުގެ ހުރިހާ ފޯކަހެއް ހުރީ މެޗު ކާމިޔާބުކުރުމަށްކަމަށް އޭނާ ބުންޏެވެ.