ފާއިތުވި އަހަރަކީ ދިވެހި ސަރުކާރުން ކުރިޔަށްއަށް އޮތް 20 އަހަރު ދުވަހުގެ ކުޅިވަރު ތަރައްޤީގެ ޕްލޭނުގައި ހިމެނޭ އަމާޒުތައް ހާސިލުކުރުމަށް ކުޅިވަރުގެ ރަނގަޅު ބިިންގަލެއް އެޅުމުގެ މަސައްކަތް ފަށައިގަތް އަހަރެކެވެ. ކުޅިވަރުގެ ބިންގާ ވަރުގަދަކުރުމަށް ކުޅިވަރު ވަސީލަތްތަކާއި، މީހުން ބިނާކުރުމަށް ސަރުކާރުން ބޮޑު ހޭދައެއް ކުރެއްވި އަހަރެކެވެ. އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމްގެ ދެ ތަޖުރިބާކާރުންގެ އެހީގައި ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކާއި ޖަމްއިއްޔާ ޖަމާއަތްތަކުގެ ޚިޔާލު ހޯދައިގެން އެކުލަވައިލި މި "ސްޕޯޓްސް ޑިވެލޮޕްމެންޓް ޕްލޭން" އިން ކުރިއަށްދާންވީ މަގު އޮތީ ފެންނާށެވެ.
ކުޅިވަރުގެ ދިގު ރާސްތާ ޕްލޭންގެ މިސްރާބަކީ އޭޝިއަން ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއަޖީ) ރާއްޖޭން ހޯސްޓު ކުރުމެވެ.
އެ މިސާރަބަށް މަގު ކޮށައިދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކުޅިވަރު ވަޢުދުތަކުގެ ތެރޭގައި ހިމެނޭ 47 ވަޢުދެއް 08 ނޮވެންބަރު 2025 ހަމައަށް ވަނީ ފުރިހަމަކުރައްވާފައެވެ.
އެ މިސްރާބަށް ވާސިލުވުމަށް ރާއްޖެ ކުރާ އުންމީދަށް އެންމެ ބޮޑު ދިރުމެއް ގެނެސްދިނީ 19 މެއި 2025 ގައި ކުޅިވަރު ގާނޫނުގެ ފުރަތަމަ އިސްލާޙު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުންނެވެ. މި އިސްލާހުގެ ސަބަބުން ލާމަރުކަޒީ ކުޅިވަރު އޮނިގަނޑެއް ބައްޓަންވެ، ކޮންމެ ކުޅިވަރެއްގައިވެސް ސަރަޙައްދީ އެސޯސިއޭޝަންތައް އުފެއްދުމާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފުޅާ ދާއިރާއެއްގައި ކުޅިވަރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވުނެވެ. އަދި އިދާރާތަކުގެ މެދުގައި އޮތް ފުށޫ އެރުންތަކާއި ތަފާތުކުރުންތައް ނައްތައިލެވުނެވެ. މީގެ އިތުރުން ޤައުމީ ކުޅިވަރު ފަންޑެއް ޤައިމުކޮށް، ސްޕޯޓްސް އާބިޓްރޭޝަން ނިޒާމަކާއި، މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ މިނިވަން މުއައްސަސާއަކަށް ބަދަލުކުރެއްވިއެވެ. އަދި އެތުލީޓުންނަށް އިންޝުއަރެންސް ހަމަޖައްސައިދިނުން ފަދަ މުހިންމު ކަންކަން މި ޤާނޫނުން ލާޒިމުކުރިއެވެ. ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަތައް އެއްހަމަ ކުރިއެވެ.
ޒުވާން ކުޅުންތެރިން ބައިނަލްއަޤުވާމީ ކާމިޔާބީތައް ހޯދުމަށް އެހީތެރިވުމުގެ ގޮތުން ތަޢާރަފްކޮށްފައިވާ "އަރުތަ" ޕްރޮގްރާމްގެ ކުރީގެ ޤަވާއިދު އަލުން މުރާޖަޢާކޮށް އައު ޤަވާއިދު ކުޅިވަރާއި ބެހޭ ޤައުމީ މަޖިލީހުން ފާސްކޮށް 27 އޮކްޓޯބަރ 2025 ގައި ވަނީ ގެޒެޓްކޮށްފައެވެ.
މި ޤަވާއިދުގެ ދަށުން ވާދަވެރި ކުޅިވަރު ކުޅޭ އެތުލީޓުންނަށް ސަރުކާރުގެ ޚަރަދުގައި ކުޅިވަރުގެ ދާއިރާއިން މަތީ ފެންވަރުގެ ތަމްރީނާއި ތަޖުރިބާ ރާއްޖެއާއި ރާއްޖޭން ބޭރުން ހޯދައިދިނުން ހިމެނެއެވެ. އަދި އެތުލީޓުންގެ ތަމްރީނު ތަކަށް އެހީތެރިވުމަށް ބޭނުންވާ ޓެކްނިކަލް އެކްސްޕާރޓުން ތަމްރީނު ކުރުމުގެ ކަންކަން ހަމަހަމަ ކަމާއި އިންސާފުވެރި ކަމާއެކު ތަންފީޒުކުރެވުނެވެ. އަރުތަ ޕްރޮގްރާމުގެ ޤަވާއިދުގެ ދަށުން ކޮންމެ އެތުލީޓަކަށް 3 ލައްކަ ރުފިޔާ އަހަރަކަށް ހަމަޖެހޭނެއެވެ.
ފާއިތުވި އަހަރަކީ ރައީސުލްޖުމްހޫރިއްޔާ ޖެއްސެވި ހިސާބުތަކާއި އެއްވަރަށް މަޝްރޫއުތައް ނިންމެވި ކުޅިވަރުގައި ކާމިޔާބު އަހަރެކެވެ. އެއް ކުޅިވަރަކަށް ނުވަތަ ވަކި ކުޅިވަރަކަށް މީގެ ކުރިން ސަރުކާރުތަކުން ބެހެއްޓި ޚާއްޞަކަން ބަދަލުކޮށް މި ސަރުކާރުން ވަނީ އެ ތަފާތު ކުރުންތައް ނައްތައިލައި، ހުރިހާ ކުޅިވަރަކަށް ދެއްވާ ސަމާލުކަމާއި އަހަންމިއްޔަތު އެއްހަމަ ކުރައްވާފައެވެ. އެކަން ފާއިތުވި އަހަރު ކުޅިވަރުގެ ދާއިރާއިން ކުރިޔަށް ގެންގޮސްފައިވާ މަޝްރޫޢުތަކުން ހާމަވެއެވެ. އެ މަޝްރޫއުތަކަށް ބަލާލާއިރު 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 8 ނޮވެމްބަރު 2025 އާއި ހަމައަށް ކުޅިވަރުގެ "ޕީ.އެސް.އައި.ޕީ"އަށް 66 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެގޮތުން ކުޅިވަރާއި ގުޅުންހުރި އެކި ދާއިރާތަކުގެ 413 މަޝްރޫޢުއެއްގެ މަސައްކަތް މިވަގުތު ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ކޮންޓްރެކްޓް ކުރެވިފައިވާ 367 މަޝްރޫއާއި ޢަމަލީ މަސައްކަތް ކުރިއަށްދާ 46 މަޝްރޫޢު ހިމެނެއެވެ.
2025ގެ ޖެނުއަރީ މަހުން ފެށިގެން ނޮވެމްބަރު މަހާ ހަމައަށް ޖުމްލަ 30 މަޝްރޫޢުއެއްގެ މަސައްކަތްވަނީ ނިންމާފައެވެ. މިއީ މި ސަރުކާރުން މިއަހަރު ޢަމަލީ މަސައްކަތް ފަށައިފައިވާ މަޝްރޫޢުތަކެވެ. އަދި ނުހިންގާ ހުއްޓިފައި ހުރި އެތައް މަޝްރޫއެއްގެ މަސައްކަތް އަލުން ފަށައިގަތެވެ. އެގޮތުން ކުރީ ސަރުކާރުން ފަށާފައިވާ 59 މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތް ވަނީ 2025 ގެ ނޮވެމްބަރާ ހަމައަށް ނިންމައިލައިފައެވެ.
މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް ފޯ ސްޕޯޓްސް (އެމް.އެން.އައި.އެސް) ހަގީގީ މާނައިގައި ހަލުވި ދުވެލީގައި ހިނގަމުން އަންނަ މަންޒަރުގެ ފަސް މަންޒަރުން ފާއިތުވި އަހަރު ފެންނަނީ އުފެއްދުންތެރި އަހަރެއްގެ ގޮތުގައެވެ. އެގޮތުން އެމް.އެން.އައި.އެސް އިން 2025ގެ ނޮވެމްބަރު 8 ވަނަ ދުވަހާއި ހަމައަށް 25 ޕްރޮގްރާމެއް ހިންގައި 321 ފަރާތެއް ތަމްރީނުކޮށްފައިވެއެވެ.
44 ސްޕޯޓްސް ނިއުޓްރީޝަން އަދި ސްޕޯޓްސް ސައިކޮލިޖީ އޮފިޝަލުން ތަމްރީނުކޮށްފައިވޭ.
އެމް.އެން.އައި.އެސް އިން 2025ގައި ހިންގި ކޯސްތަކުގެ ތެރެއިން ސްޕޯޓްސް އެޑްމިނިސްޓްރޭޓަރސް އެންޑް ޓީމް މެނޭޖްމަންޓް ކޯހަކީ (އެމް.ކިއު.އޭ) އިން އެކްރެޑިޓްކޮށްފައިވާ ކޯހެކެވެ. މި ކޯހަކީ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުލަބު ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާކުރުމަށް އެހީތެރިވުމުގެ ގޮތުން ހިންގުނު ކޯހެކެވެ. ކުޅިވަރު ކުޅުންތެރިންގެ ކެއުމުގެ އާދަތައް ރަނގަޅުކޮށް، ހަށިގަނޑަށް ބޭނުންވާ މައްދާތައް ދަސްކޮށްދިނުމުގެ މަޤުސަދުގައި އަދި ކުޅިވަރު ކުޅުންތެރިންގެ ނަފްސަނީ ދުޅަހެޔޮކަން ރަނގަޅުކުރުމަށްޓަކައި އެމް.އެން.އައި.އެސްއިން ވަނީ ކުޅިވަރު ކުޅުންތެރިންނަށް ޚާއްސަ ވޯކްޝޮޕެއްވެސް 2025 ވަނަ އަހަރު ބޭއްވިއެވެ.
އޭގެތެރޭގައި:
ފާއިތުވި އަހަރު ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހަށް ބޮޑު ގޮންޖެހުމަކަށްވި ދެ ކުޅީވަރު އިދާރާ ކަމަށްވާ ފުޓްބޯޅަ އެސޯސިއޭޝަނާއި ބެޑްމިންޓަން އެސޯސިއޭޝނުގައި ހުރި މައްސަލަތަކެވެ. އެ ދެ އެސޯސިއޭޝަނުގެ ޒަމާންވީ މައްސަލަތައް ޙައްލުކުރުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް އިން އިސްނަގައިގެން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
އެގޮތުން އެފްއޭއެމްގެ ހިންގުމުގައި ހުރި މައްސަލަތައް ދެނެގަނެ އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތުގެ ތެރެއިން، ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކުރިއަށް ގެންދިޔަ އެފްއޭއެމްގެ އިންތިޚާބު ހުއްޓުވިއެވެ. އަދި ހިންގާ ޤަވާއިދު އިސްލާހުކޮށް އެ އެސޯސިއޭޝަންގެ އިންތިޚާބުގެ ކަންކަން ފީފާ އާއި އޭއެފްސީ ޤަބޫލު ކުރާ ގޮތަށް ކުރިއަށް ގެންދިއުމުގެ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެ، އާ އިންތިޚާބު ބޭއްވުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި މުބާރާތްތަކުގައިވެސް ރާއްޖޭގެ ހުރިހާ ރަށަކަށް ވާދަކުރުމުގެ ފުރުޞަތު ލިބޭ ގޮތަށް ކަންކަން ބައްޓަން ކުރުމުގައި އެފްއޭއެމަށް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުންދީފައިވެއެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިޚާބުގެ ކަންކަން ޤަވާއިދާއި ޚިލާފަށް ކުރިއަށް ގެންދާތީ އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިމަތިވި ޚިޔާލު ތަފާތުވުންތަކާއެކު، ބައިނަލްއަޤްވާމީ ބެޑްމިންޓަންގެ މައި އިދާރާއިން ރާއްޖޭގެ ބެޑްމިންޓަން ސަސްޕެންޑް ކުރިނަމަވެސް، އެ އިދާރާގެ ލަފަޔާއެކު، އެސޯސިއޭޝަންގެ ހިންގާ ޤަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އާ އިންތިޚާބު މިއަހަރުގެ އޮކްޓޫބަރުގައި ކުރިޔަށް ގެންދިޔަ އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ބެޑްމިންޓަން އެސޯސިއޭޝަނަށް ހޯދައިދިނެވެ.
ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މަޤުޞަދުގައި ޗައިނާގެ ފުޖިއާން ޕްރޮވިންޝަލް ބިއުރޯ އޮފް ސްޕޯޓްސްއާއެކު 16 ފެބުރުވަރީ 2025 ގައި އެމް.އޯ.ޔޫއެއްގައި ސޮއި ކުރިއެވެ. އެ އެއްބަސްވުމުގެ ދަށުން ދެ ސަރަޙައްދުގެ ކުޅިވަރު މުއައްސަސާތަކާއި ޖަމުޢިއްޔާތަކުގެ މެދުގައި ބަދަލުކުރުންތަކާއި، އެއްބާރުލުން ދިނުމާއި، މަތީ ފެންވަރުގެ ޕްރޮފެޝަނަލް ކޯޗުން ތަމްރީނުކުރުމަށް ތަމްރީނު ކޭމްޕްތައް އިންތިޒާމުކުރުން ހިމެނެއެވެ.
މީގެ އިތުރުން މެލޭޝިއާގެ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއާއެކު ޕުޓްރަޖާޔާގައި 28 އެޕްރިލް 2025 ގައިވެސް މުހިންމު އެމް.އޯ.ޔޫ އެއްގައި ސޮއި ކުރިއެވެ. އެ އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ކުޅިވަރު ޖަމުޢިއްޔާތަކުގެ މެދުގައި ސެމިނަރތަކާއި، ދިރާސާތަކާއި، ކުޅިވަރު ވަސީލަތްތަކާއި ޞިނާޢަތް ތަރައްޤީކުރުމުގައި އެއްބާރުލުން ދިނުން ހިމެނެއެވެ. އަދި ކުޅުންތެރިން، ކޯޗުން، ރެފްރީންނާއި، ކުޅިވަރު މާހިރުން ބަދަލުކުރުމުގައި ކުޅިވަރު ޖަމްޢިއްޔާތަކާއި މުއައްސަސާތަކުގެ މެދުގައި އެއްބާރުލުންދިނުމާއި، ކުޅިވަރު ބޭސްވެރިކަމާއި ރިހިބިލިޓޭޝަނާއި، ޑޯޕިން އާއި ދެކޮޅު މައްސަލަތަކުގައި އެއްބާރުލުންދިނުން ހިމެނެއެވެ.
މީގެ އިތުރުން ސަރުކާރުގެ 104 ހަފުތާ ފާހަގަވީ، މީގެ ކުރިން އެއްވެސް ސަރުކާރަކުން އަޅައިނުލައި، ދޫކޮށްލައިފައި އޮތް ކުޅިވަރު ރަން ތާރީޚެއް އަރުޝީފުކުރުމުގެ މަސައްކަތް ކުޅިވަރު ވުޒާރާއިން އަމިއްލައަށް އިސްނަގައިގެން ފައްޓަވައި އެކި ކުޅިވަރުތަކުން ރާއްޖެ ހޯދައިފައިވާ ކާމިޔާބީތަކާއި، އެ ކާމިޔާބީ ހޯދައިދިން އެތުލީޓުންނާއި، އެ ކާމީޔާބީއާ ހަމައަށް ވާސިލުވި ގޮތް އަންނަން އޮތް ޖީލުތަކާއި ހަމައަށް ފޮޓޯއާއި، ވީޑިއޯއާއި އަދި ލިޔުމުންވެސް ޑިޖިޓަލައިޒްކޮށް ފެންނާނެހެން ކުޅިވަރު އަރުޝީފެއް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފާއިތުވި ހަފްތާ 104 ގެ ތެރޭގައި ފައްޓަވައިފައެވެ.