ކުޅިވަރު

ސާއިދުއާއެކު ރައީސް ޔާމީން ޓްރެއިނިންގ ފުރިހަމަ ކުރައްވައިފި


ޓްރެއިނިންގ ވިތް ޗެމްޕިއަންސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ފުރިހަމަ ކުރައްވައިފިއެވެ. 

ނިމިގެންދިޔަ އޮލިމްޕިކްސްގައި ބޮޑު ކުރިއެރުމެއް ހޯދި ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއާއެކު ރައީސް ޔާމީން ތަމްރީން ހައްދަވާފައިވަނީ މިއަދު އާރަށުގައެވެ. އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫޤު ފެށި މި ޗެލެންޖަކީ ރާއްޖޭގެ އެތުލީޓުންނާއެކު ރާއްޖޭގެ މަޝްހޫރު ފަރާތްތަކުން އެއްދުވަހު ތަމްރީން ހެދުމަށް ހުޅުވާލި ފުރުސަތެކެވެ. މި ޗެލެންޖް ނިންމުމުގެ ގޮތުން މަރުޒޫގު ވަނީ ރާއްޖޭގެ ހަތަރު ރައީސުންނަށް މި ޗެލެންޖް ފުރިހަމަ ކުރެއްވުމަށް ދަޢުވަތުދެއްވާފައެވެ. ހަތަރު ރައީސުންވެސް ދަޢުވަތު ޤަބޫލްކޮށްފައިވާއިރު ރައީސް ވަހީދު ވަނީ ފެތުންތެރިޔާ ސަޖަންއާއެކު ތަމްރީން ފުރިހަމަކުރައްވާފައެވެ.

img:http://s2.psmnews.mv/images/660x400/14723151384787.jpg|ރައީސް ޔާމީން މިއަދު ސާއިދުއާއެކު ޓްރެއިނިންގ ހައްދަވަނީ. ފޮޓޯ ރައީސް އޮފީސް

މަރުޒޫގުގެ ޗެލެންޖް ލިބުމާއެކު ރައީސް ޔާމީން ވަނީ ޗެލެނެޖް ޤަބޫލް ކުރައްވާފައެވެ. ސާއިދުއާއެކު ރައީސް ޔާމީން ޗެލެންޖް ފުރިހަމަ ކުރެއްވިއިރު ސާއިދުއަކީ މިވަގުތު ރާއްޖޭގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އެއް އެތުލީޓެވެ. ނިމިގެންދިޔަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ސާއިދު ވަނީ 100 މީޓަރދުވުމުން ރަން މެޑަލް އަދި 200 މީޓަރ ދުވުމުން ރިހި މެޑަލް ހޯދާފައެވެ.