ތަރައްްޤީ

ތިނަދޫ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ޙައްލުކުރަނީ


ގދ. ތިނަދޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެ ރަށުގެ ބޮޑެތި މަގުތައް ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް ހަދާ ނިމުމަކާއި ގާތްވެފައިވާއިރު، ބޯކޮށް ވާރޭ ވެހިއްޖަނަމަ ރަށުގެ ވެލި މަގުތަކުގައި ފެންބޮޑުވާ މައްސަލަ މިހާރުވަނީ ފެންމަތިވެފައެވެ. މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ނިމުމާއިއެކު، އެހެން މަގުތަކުގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް، ތިނަދޫ މަގުހެދުމުގެ މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަނުން ބުނެފިއެވެ.

ގދ.  ތިނަދޫ އުފެދިފައި އޮންނަ ގޮތުން ރަށުގެ މެދު އޮންނަނީ އުސްކޮށް، ހަތަރު ފަރާތަށް ފެންފަހިވާ ގޮތަށެވެ. ހަމައެހެންމެ އެކިފަހަރުމަތިން ރަށުގެ އެކި ސަރަޙައްދުތައްވަނީ ހިއްކާފައެވެ. ރަށުގެ ދެކުނު ފަރާތު ޗަސްބިން އޮތް ސަރަޙައްދު ހިއްކުމާއި ގުޅިގެން އެސަރަޙައްދު އޮންނަނީ އެހެން ސަރަޙައްދުތަކަށް ވުރެ ތިރިކޮށެވެ. img:http://s3.psmnews.mv/images/660x400/14723094054589.jpg|ތިނަދޫ މަގެއް - ތިނަދޫ މަގުތައް ޒަމާނީ ފެންވަރަށް ހެއްދެވުމުގެ މަޝްރޫއުގެ ދަށުން އެރަށު މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް އެދެވޭ ޙައްލެއް ލިބިގެންދާނެ - ފޮޓޯ: ޕީއެސްއެމް

ވިއްސާރަ މޫސުމުގައި، އެ ސަރަޙައްދާއި ރަށުގެ ބައެއް އެހެން ސަރަޙައްދުތައް، އަދި ޚާއްޞަކޮށް މަގުތަކުގައި ފެން ބޮޑުވުމަކީ، ރަށަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ތިނަދޫ ކައުންސިލުން ފާހަގަކުރައްވައެވެ. ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ނާއިބު ރައީސް އިބްރާހީމް އަސްޢަދު ވިދާޅުވި ގޮތުގައި، ތާރު އަޅައިގެން އެ ރަށުގެ ބޮޑެތި މަގުތައް ހެދުމާއިއެކު، ބޯކޮށް ވާރޭ ވެހިއްޖެނަމަ، އެ ރަށުގެ ވެލި މަގުތަކުގައި ފެން ބޮޑުވާ ކަމަށާއި، މިކަމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށް ކައުންސިލްގެ ނާއިބު ރައީސް އިބްރާހީމް އަސްޢަދު ވިދާޅުވިއެވެ. އަދި، ތާރު އަޅައިގެން ބޮޑެތި މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމުގެ ކުރިން، އެ ރަށުގެ ވެލި މަގުތައް ހެދުމުގެ މަސައްކަތް ހުއްޓިފައިވާ ކަމަށާއި، އެ މަސައްކަތަށް ބަޖެޓް ހަމަޖެހި، އަންނަ ޑިސެމްބަރު މަހުގެ ކުރިން މަސައްކަތް ފެށޭނެ ކަމަށްވެސް އަސްޢަދު ވިދާޅުވިއެވެ. img:http://s4.psmnews.mv/images/660x400/14628036241641.jpg|ތިނަދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: ހައުސިންގ މިނިސްޓްރީ

ތިނަދޫގެ މަގު ހެދުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ޙަވާލުކުރައްވާފައިވާ މޯލްޑިވްސް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަންގެ ރީޖަނަލް މެނޭޖަރ އާޒިމް ޙުސައިން ވިދާޅުވީ، މަގުހެދުމުގެ މަސައްކަތް ނިމުމުން އެ ރަށުގެ ވެލި މަގުތަކުގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމަށް ހައުސިންގ މިނިސްޓްރީއާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި، ޖަންގޝަންތަކެއް ބަހައްޓައި ފެން ހިންދާނެ ނިޒާމެއް ޤާއިމް ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވެލި މަގުތަކުގައި ފެންބޮޑުވުމާއި ގުޅޭ ގޮތުން ރަށުގެ ބައެއް ޢާއްމު ފަރާތްތަކުން ބުނީ، ރަށުގެ ބޮޑެތި މަގުތައް ތާރު އަޅައިގެން ހެދުމުން ބޮޑެތި ފަސޭހަތަކެއް ލިބެމުންދާ ކަމަށާއި، އަދި، އެހެން މަގުތަކުގައި ފެން ބޮޑުވާ މައްސަލައަށް އަވަސް ޙައްލެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ތިނަދޫ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން ފަހުން އިތުރުކުރެވުނު، 3 މަގެއް ފިޔަވައި، އެހެން މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ނިމި ޕޭވްމަންޓްތައް ހަދާ ނިންމުމުގެ މަސައްކަތް މިހާރުދަނީ ކުރިއަށެވެ. އަދި، މަގު ހުރަސް ކުރާ ކަފިހިހުރަސް ހަދަމުންދާއިރު، ބައެއް ސަރަޙައްދުތަކުގައި ޓްރެފިކް ނިޝާންތައް ހަރުކުރުމުގެ މަސައްކަތްވެސް އެމް.އާރު.ޑީސީންވަނީ ފަށާފައެވެ.