ޚަބަރު

ޑްރައިވިންގ ޓެސްޓް ހެދުމުގެ ޚިދުމަތް އަލުން ފަށަނީ


އެއްގަމު އުޅަނދު ދުއްވުމުގެ ޑްރައިވިންގ ޓެސްޓް ހެދުމުގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލާފައި އޮތުމަށްފަހު، އެ ޚިދުމަތް އަލުން ފެއްޓެވުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ތައްޔާރުވެ ވަޑައިގެންފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޓްރާންސްޕޯޓް އޮތޯރިޓޯގެ ޗެއާމަން ޢަބްދުއްރަޝީދު ނާފިޒު ވިދާޅުވިީ ޑްރައިވިން ޓެސްޓް ހެދުން މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މެދުކަނޑާލީ، ޓެސްޓް ހަދާ ސަރަޙައްދުގެ ބައެއް މަގުތައް ބަންދުކޮށް ބޮޑެތި ވެހިކަލްތައް ދަތުރުކުރާތީ އެ ސަރަޙައްދަކީ އެކަން ކުރުމަށް ރައްކާތެރި ސަރަހައްދެއް ކަމަށް ޤަބޫލު ނުކުރެވޭތީ ކަމަށެވެ. އަދި، މިހާރު ނިންމަވާފައިވަނީ ޑްރައިވިން ޓެސްޓް ހެދުމުގެ ޚިދުމަތް ކާނިވާ ސަރަޙައްދުގައި ފެއްޓެވުމަށް ކަމަށާއި، ޚިދުމަތްތައް އަލުން ފެއްޓެވުމަށް ކުރައްވަންޖެހޭ ތައްޔާރީތައް މިހާރު ނިމިފައިވާކަމަށެވެ. އަދި، މި ހަފްތާ ތެރޭގައި މި ޚިދުމަތް އަލުން ފެށޭނެކަމަށް ޢުންމީދު ކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ ޑްރައިވިންގ ޓެސްޓް ހެދުމުގެ ޚިދުމަތް ޓްރާންސްޕޯޓް އޮތޯރިޓީން ވަގުތީ ގޮތުން މެދުކަނޑާލެއްވީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތަށް ބޭނުންވާ ސާމާނު، ޓެސްޓް ހަދާ ސަރަޙައްދުގައި ބެހެއްޓުމުގެ ފުރުޞަތު ދެއްވުމުގެ ގޮތުންނެވެ.