އިންޑޮނޭޝިއާގެ ބަޓަމްގައި މިހާރު ކުރިއަށްދާ 16 ވަނަ ވޯލްޑް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ގައުމީ ޓީމުން ރަން މެޑައްޔަކާއި ރިހި މެޑައްޔެއް ކަށަވަރުކޮށްފިއެވެ.
މިމުބާރާތުގެ ވާދަކޮށް ރާއްޖެއަށް ރަން މެޑަލް ހޯދާދީފައިވަނީ އަޒްނީން ރަޝާދުއެވެ. އޭނާ ވާދަކޮށްފަވަނީ ފިރިހެނުންގެ ސްޕޯޓްސް ފިޒީކް އަޕް ޓު 170 ސެންޓިމީޓަރު ކެޓަގަރީގައެވެ. މިއީ މި ކެޓަގަރީގައި ވާދަކޮށް އޭނާ މެޑަލް ހޯދި ހަތަރުވަނަ ފަހަރެވެ.
މިމުބާރާތުން ރާއްޖެއަށް ދެވަނަ މެޑަލް ކަށަވަރުކޮށްދިން އެތުލީޓަކީ ޢަލީ މަބްރޫކް ލަޠީފްއެވެ. އޭނާ ވާދަކޮށްފަވަނީ ފިރިހެނުންގެ ސްޕޯޓްސް ފިޒީކް އަޕް ޓު 180 ސެންޓިމީޓަރު ކެޓަގަރީގައެވެ.
16 ވަނަ ވޯލްޑް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ކުރިއަށްދާނީ މިމަހުގެ 13 ވަނަ ދުވަހުން 17 ވަނަ ދުވަހުގެ ނިޔަލަށް އިންޑޮނޭޝިއާގައެވެ. މިމުބާރާތުގަ ރާއްޖެއިން ވާދަކުރާ ކެޓަގަރީތަކަކީ 17 ސެންޓިމީޓަރ ސްޕޯޓް ފިޒީކް، 175 ސްޕޯޓް ފިޒީކް، 167 އެތުލެޓިކް ފިޒީކް، 175 އެތުލެޓިކް ފިޒީކް އަދި އަޕް ޓު 180 އެތުލެޓިކް ފިޒީކް ކެޓަގަރީއެވެ.
މިމުބާރާތުގަ ރާއްޖެ ތަމްސީލުކުރާ ޓީމުގަ ހިމެނޭ އެތުލީޓުންނަކީ އަހުމަދު ނައީމް، އަޒްނީން ރަޝާދު، މަނާފް ވަހީދު، އަލީ މަބްރޫކް ލަތީފް އަދި އިސްމާއިލް ޝުއާއު ޢަބްދުﷲ އެވެ. އޭގެ އިތުރުން ގައުމީ ޓީމުގެ ކޯޗު ޢަބްދުލްހަސީބު ހުސައިންއާއި މެނޭޖަރެއްގެ ގޮތުން މުހަންމަދު ނަޒީހުވަނީ ޓީމާއެކު ބައިވެރިވެފައެވެ.
މިމުބާރާތުގަ ރާއްޖޭގެ ފަރާތުން ހަރަކާތްތެރިވާނެ ފަނޑިޔާރަކީ މުހަންމަދު ނާޝިދުއެވެ. މިމުބާރާތުގަ ގާތްގަނޑަކަށް 40 ވަރަކަށް ގައުމުންދަނީ ވާދަކުރަމުންނެވެ.