ޚަބަރު

ކާރިސީ ހިރާސް ކުޑަކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި


ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އިސްނަންގަވައިގެން ލ. އަތޮޅު މާމެންދުއާއި މާވަށުގައި ކާރިސީ ހިރާސް ކުޑަކުރުމުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދަވައިފިއެވެ. img:http://s3.psmnews.mv/images/660x400/14722990877776.jpg|ކާރިސީ ހިރާސް ކުޑަކުރުމަށް ލ.އަތޮޅުގައި ހިންގި ތަމްރީން ޕްރޮގްރާމްގެ ތެރެއިން - ފޮޓޯ: އެންޑީއެމްސީ

އެން.ޑީ.އެމް.ސީން ވިދާޅުވި ގޮތުގައި، 5 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދެވި މި ތަމްރީން ޕްރޮގްރާމްގެ މަޤްޞަދަކީ، ރަށުފެންވަރުގައި ކާރިސާތަކުގެ ކަންކަން ބަލަހައްޓާނެ ނިޒާމެއް ޤާއިމް ކުރުމާއި، ފަންނީ ޤާބިލްކަން ރަށު ފެންވަރުގައި އިތުރު ކުރުން ކަމަށެވެ. އަދި، ކާރިސާގެ ކަންކަން ބެލެހެއްޓުމުގައި ރަށުގެ ރައްޔިތުންނާއި މުއައްސަސާތައް ބާރުވެރިކޮށް ޒިންމާދާރު ކުރުވުމާއި، ކާރިސާ މެނޭޖްކުރާނެ ޕްލޭންތައް އެކުލަވާލުން ކަމަށެވެ. img:http://s4.psmnews.mv/images/660x400/14722992291051.jpg|ކާރިސީ ހިރާސް ކުޑަކުރުމަށް ލ.އަތޮޅުގައި ހިންގި ތަމްރީން ޕްރޮގްރާމްގެ ތެރެއިން ކުރިޔަށްގެންދިޔަ ޑްރިލް - ފޮޓޯ: އެންޑީއެމްސީ

މިޓްރެއިނިންގ ޕްރޮގްރާމްގައި ރަށު ފެންވަރުގައި ފަންނީ ޤާބިލްކަން އިތުރުކުރުމާއި، ކާރިސީ ހިރާސް ކުޑަކުރާނެ ގޮތްތަކާއި، ރަށުގެ ހުރި ނާޒުކު ކަންކަމާއި، އަރައްކާތަކާއި ޤާބިލިއްޔަތުތައް ދެނެގަނެ ކާރިސާއެއް ދިމާވެއްޖެނަމަ ކަންކުރާނެ އުސޫލުތައް ކަޑައެޅި ރަށުގެ " ކާރިސީ ހިރާސް ކުޑަކުރުމުގެ ޕްލޭނެއް" (ޑިޒާސްޓާރ މެނޭޖްމަންޓް ޕްލޭން) އެކުލަވާލެވިފައިވެއެވެ. މިގޮތުން މި ޓްރެއިނިންގެ އެންމެ ފަހު ދުވަހު ކާރިސާއެއް ހިނގައިފިނަމަ އަމަލުކުރާނޭ ގޮތުގެ ޑްރިލެއް ކާމިޔާބުކަމާ އެކީ މިދެރަށުގައި ކުރިއަށް ގެންދެވިފައިވެއެވެ.

މި ޕްރޮގްރާމްގައި ދެ ރަށުގެ އެކި މުއައްސަސާތަކުން ޖުމްލަ 42 ފަރާތުން ބައިވެރިވިއެވެ.