ޚަބަރު

ފަސްޓް ލޭޑީގެ އިލްތިމާސް: ޞިއްޙީ ރަނގަޅު އާދަތަކުގައި ހިފެހެއްޓުމަކީ އާދައަކަށް ހައްދަވާ!


  • ޞިއްޙަތު ރަނގަޅު އާބާދީއެއް ބިނާކުރެވޭނީ އެންމެން އެއްބާރުލައިގެންކަމަށް ވިދާޅުވި

  • ގުޅިގެން މަސައްކަތްކޮށްފިނަމަ ގައިންގަޔަށް ނާރާ ބަލިތައް މަދުކުރެވޭނެކަމަށްވެސް ވިދާޅުވި

ރަނގަޅު ޞިއްޙީ އާދަތަކުގެ މަޢުލޫމާތު ހޯދައި، އެ އާދަތައް އަށަގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.

ފަސްޓް ލޭޑީ މިގޮތަށް އިލްތިމާސްކުރެއްވީ ދުނިޔޭގެ ހަކުރު ބަލީގެ ދުވަހުގެ މުނާސަބާގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ހަކުރު ބަލީގެ ދުވަހުގެ މުނާސަބާގައި ޙިއްސާކުރެއްވި ޕޯސްޓުގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވީ ޞިއްޙަތު ރަނގަޅު އާބާދީއެއް އޮތް މުޖުތަމަޢެއް ރާއްޖޭގައި ބިނާކުރެވޭނީ އެންމެން އެއްބާރުލައިގެން ކަމަށެވެ. އަދި ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށް ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތު ހޯދައި، ޞިއްޙީ އާދަތަކުގައި ހިފެހެއްޓުމަކީ ކޮންމެ ދުވަހެއްގެ އާދައަކަށް ހެދުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވީ ގުޅިގެން މަސައްކަތްކޮށްފިނަމަ ހަކުރުބަލި ފަދަ ގައިންގަޔަށް ނާރާ ބަލިތައް ޖެހުން އެންމެ ދުރުހެލި، މިފަދަ ބަލިތަކަށް އެންމެ އިތުބާރާއެކު ފަރުވާދެވޭ އެއް ޤައުމަކަށް ދިވެހިރާއްޖެ ހެދުމުގެ ލަނޑުދަނޑި ޙާޞިލުކުރެވޭނެ ކަމަށެވެ.


ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ނޮވެންބަރު މަހުގެ 14 ވަަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ހަކުރު ބަލިން ރައްކާތެރިވުމާ ބެހޭގޮތުން ހޭލުންތެރިކަން އުފައްދުމެވެ. އަދި ބަލި ތަޙައްމަލުކުރާ މީހުންގެ ދިރިއުޅުން ބައްޓަންކުރަންޖެހޭ ގޮތާ މެދު ހޭލުންތެރިކަން އުފެއްދުމަކީވެސް މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމެކެވެ.

ހަކުރުބަލި ތަޙައްމަލުކުރަމުންދާ ފަރާތް ތަކުން ހަކުރު ކޮންޓްރޯލްކޮށް ބައްޔާއެކު ރައްކާތެރި ދިރިއުޅުމެއް އުޅުމަށް ވަކިގޮތަކަށް ދިރިއުޅުން ބައްޓަން ކުރަންޖެހެއެވެ. އެގޮތުން ޙާލަތު ދެނެގަތުމަށް އަދި ހަކުރު ކޮންޓްރޯލް ކުރެވިފައިވާ ކަން ކަށަވަރުކުރުމަށް އަދި ބަލީގެ ސަބަބުން ހަށިގަނޑުގެ ގުނަވަނަކަށް ގެއްލުމެއް ލިބޭތޯ ބެލުމަށް ހަދަންޖެހޭ ޓެސްޓްތައް ހެދުން ހިމެނެއެވެ. ކެއިންބުއިން ވަކިގޮތެއްގައި ބެހެއްޓުމާއި ޤަވާޢިދުން ކަސްރަތުކުރުމަކީވެސް ބަލިން ރައްކާތެރި ދިރިއުޅުމެއް އުޅުމަށް ކުރުން މުހިންމު ކަމެކެއެވެ.