ދުނިޔެ

ހަޅުތާލެއްގެ ތެރެއިން ބޮލީވިއާގެ ވަޒީރެއް އަވަހާރަކޮށްލައިފި


ބޮލީވިއާގެ ޕަންދޫރޯގައި ހަޅުތާލުކުރަމުންދިޔަ ބޯޓުދެލި ނަގާ ބަޔަކު އެޤައުމުގެ ދާޚިލީވަޒީރުގެ ނައިބު އަވަހާރަކޮށްލައިފިއެވެ. 

ޚަބަރުތައް ބުނާގޮތުގައި ބޮލީވިއާގެ ދާޚިލީވަޒީރުގެ ނައިބު ރޮދޮލްފޯ އިޔަނޭސް އަވަހާރަކޮށްލާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން މަގުތައް ބަންދުކޮށްގެން ހަޅުތާލުކުރަމުންދިޔަ މީހުންނާއި ވާހަކަދެއްކެވުމަށް މަސައްކަތްކުރައްވަމުން ދަނިކޮންނެވެ. އަދި އޭނާ އަވަހާރަކޮށްލާފައިވަނީ ވަގަށްނެގުމަށްފަހު ވަރަށް ބޮޑަށް އަނިޔާކުރުމަށްފަހުކަމަށްވެސް ބޮލީވިއާގެ ރަސްމީ އިދާރާތަކާ ޙަވާލާދީ ޚަބަރުތައް ބުނެއެވެ.

img:http://s3.psmnews.mv/images/660x400/14722888984905.jpg|ބޮލީވިއާގެ ބޯޓުދެލި ނަގާ މީހުން ކުރަމުންދާ ހަޅުތާލުގެ ތެރެއިން

ބުރާސްފަތިދުވަހު އަވަހާރަކޮށްލި އިޔަނޭސްގެ އޮޓްޕްސީ ރިޕޯޓާ ޙަވާލާދެއްވާ ބޮލީވިއާގެ އެޓާރނީ ޖެނެރަލް ވިދާޅުވީ، އޭނާއަށް ހައެއްކަ ގަޑިއިރު ވަންދެން އަނިޔާކޮށްފައިވާކަމަށެވެ. އަދި އޭނާގެ މުޅި ހަށިކޮޅުގައި އަނިޔާކޮށްފައިވާކަމުގެ ނިޝާންތައް ފެންނަ ހުރިކަމަށް އެޓާރނީ ޖެނަރަލް ވިދާޅުވިއެވެ. 

ބޮލީވިއާގެ ވެރިރަށް ލަ ޕާޒްއާ 150 ކިލޯމީޓަރު ދުރުގައި އޮންނަ ޕަންދޫރޯގައި ބޯޓުދެލި ނަގާ މީހުންހަޅުތާޅުކުރަން ފެށީ، އެމީހުން ބޭނުންވާ އަމިއްލަ ކުންފުނިތަކާ ސީދާ ގުޅިގެން މަސައްކަތްކުރުމުގެ ހައްޤު ނުލިބިގެންނެވެ. މިހަޅުތާލުތަކުގައި ބޯޓުދެލި ނަގާ 3 މީހަކުވެސް މިހާތަނަށްވަނީ މަރުވެފައެވެ. 

img:http://s3.psmnews.mv/images/660x400/14722889146764.jpg|ބޮލީވިއާގެ ބޯޓުދެލި ނަގާ މީހުން ކުރަމުންދާ ހަޅުތާލުގެ ތެރެއިން

ބޮލީވިއާގެ ރައީސް އޭވޯ މޮރާލެސް ވަނީ އިޔަނޭސްއަކީ ބަޠަލެއްކަމަށް ސިފަކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި އޭނާ އަވަހާރަކޮށްލުމަކީ ފިނޑި އަމަލެއްކަމަށާއި، އެކަމަށް މަޢާފް ނުކުރެވޭނެކަމަށް މޮރާލެސް ވިދާޅުވިއެވެ. 

ދާޚިލީވަޒީރުގެ ނައިބު އަވަހާރަކޮށްލުމާއި ގުޅިގެން މިހާތަނަށް ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި ބޯޓުދެލި ނަގާ މީހުންގެ ލީޑަރެއްވެސް ހިމެނެއެވެ. އަދި މިކަމާގުޅިގެން އިތުރު 40 މީހަކާ މިހާރުވެސް ސުވާލުކުރަމުންދާކަމަށް ޚަބަރުތައްބުނެއެވެ. ބޮލީވިއާގެ ބޯޓުދެލި ނަގާ މީހުންގެ ޖަމްޢިއްޔާގެ ރައީސްވެސް ވަނީ ދާޚިލީވަޒީރުގެ ނައިބު އަވަހާރަކޮށްލުން ކުށްވެރިކުރައްވާފައެވެ.