ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އުއްމީދީ މަޝްރޫޢު، ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 182.85 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެއެވެ. މިމަޝްރޫޢުގެ ދަށުން 1009 ހެކްޓަރު ހިއްކުމަށްވަނީ ހަމަޖެހިފައެވެ.
މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމާއި އެނޫންވެސް ޖާގައިގެ ދަތިކަމަށް ދުރުރާސްތާ ޕްލޭނެއްގެ ދަށުން ހައްލު ގެނައުމަށް ސަރުކާރުންވަނީ 'ރަސްމާލެ' ނަމުގައި ބިޔަ މަޝްރޫޢެއް ފައްޓަވާފައިއެވެ. މިމަޝްރޫޢުގެ ދަށުން މިހާރު ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. 12 ސަރަޙައްދަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް 3 ފަރާތަކުންދަނީ ކުރަމުންނެވެ.
ސްރީލަންކާގެ ކެޕިޓަލް މެރިންއެންޑް ސިވިލް ކޮންސްޓްރަކްޝަނާއި ޙަވާލުކޮށްފައިވާ 29 ހެކްޓަރުގެ މަސައްކަތްވަނީ ނިމިފައެވެ. އަދި މިވަގުތު މޯހަން މުތާއާއި ހަވާލުކޮށްފައިވާ 394 ހެކްޓަރުގެ ތެރެއިން 100.6 ހެކްޓަރުވަނީ ހިއްކާ ނިންމާލާފައެވެ. އަދި އެކުންފުނިން ދަނީ މިހާރު ނުހިއްކާ އޮތް ސަރަޙައްދު ހިއްކަން ފެށުމަށް ތައްޔާރުވަމުންނެވެ. މީގެ އިތުރުން ޗައިނާ ހާބަރ އިނޖިނިއަރިންގއާއި ހަވާލުކޮށްފައިވާ 265 ހެކްޓަރުގެ ތެރެއިން މިހާރުވަނީ 53.25 ހެކްޓަރުގެ ބިން ހިއްކާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ. ރަސްމާލެ ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް މިމަހުގެ ތެރޭގައި 45000 ޓަނުގެ ހޮޕަރ ޑްރެޖަރެއް އަންނާނެކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. ކުރިއަށް އޮތް 5 މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިމޭނެކަމަށް ރައީސްވަނީ ވިދާޅުވެފައެވެ. މީގެއިތުރުން އިތުރު ޑްރެޖަރުތައް އައުމާއެކު މާލެ ސަރަޙައްދާއި އަތޮޅުތަކުގެ އެކި ރަށްތަކުގައި ކުރިއަށްގެންދާ ބިން ހިއްކުމުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުން ފެށިގެން އަވަސްވެގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި މަޝްރޫޢަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލު ގެނުވާނެ މަސައްކަތެއްކަމަށެވެ. އެގޮތުން ކުރިއަށް އޮތް 5 މަސްތެރޭ އެ ބިމުން 15000 ގޯތި ދެވޭ މިންވަރަށް ހިއްކާނެކަމަށާއި އެ ގޯތިތަކަށް ކުރިމަތިލުމަށް ވަރަށް އަވަހަށް ހުޅުވާލާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމުގެ ތަފްސީލްތައް ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމުން ރަސްމާލެ މާސްޓަރ ޕްލޭންގެ ދަށުން ބޯހިޔާވަހިކަމުގެ މަސައްކަތްތަކާއި އަދި އިޤތިޞާދީ ގިނަ މަސައްކަތްތަކެއްގެ މަސައްކަތް ފެށިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އިކޯސިޓީގެ ގޮތުގައި ތަރައްޤީކުރާ ރަސްމާލޭގެ މަސައްކަތް ސަރުކާރުން ފެށީ 2023 ވަނަ އަހަރުގައެވެ.