ޚަބަރު

ހަމަނުޖެހުންތައް އިތުރުވެފައިވަނިކޮށް ޕާކިސްތާންގެ އަސްކަރިއްޔާގެ ވެރިޔާއަށް އިތުރު ބާރުތަކެއް


ޕާކިސްތާންގެ އަސްކަރިއްޔާގެ ވެރިޔާއަށް އިތުރު ބާރުތަކެއް ލިބޭގޮތަށް، ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާޙު، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

ޕާކިސްތާންގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ އަޣުލަބިއްޔަތުން މިއަދު ފާސްކުރި އިސްލާޙާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ އެންމެ ހަތަރު މެމްބަރުންނެވެ.

މިއަދު ޤާނޫނުއަސާސީއަށް ގެނައި އިސްލާޙުގެ ތެރޭގައި، ދުސްތޫރީ މައްސަލަތައް، ޕާކިސްތާންގެ އެންމެ މަތީ ކޯޓަށް ބެލުމުގެ ބަދަލުގައި، އެފަދަ މައްސަލަތައް މައި ސަރުކާރުގެ ދަށުން ހިންގާ ޚާއްސަ ދުސްތޫރީ ކޯޓަކުން ބަލާ ގޮތަށް ހެދުން ހިމެނެއެވެ.

މި އިސްލާޙުތަކަކީ، ފުރިހަމަ ޑިމޮކްރަސީއަކަށް ކުރާ މަސައްކަތުގައި ފަހަތަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.

މީގެ ދެ ދުވަސްކުރިން އެ އިސްލާޙު ޤާނޫނު ހަދާ މަޖިލީހުގެ މަތިގެއިން ފާސްކުރީ، އިދިކޮޅު މެމްބަރުން އެ އިސްލާޙުގެ ބަހުސް ބޮއިކޮޓްކޮށް، ތަޅުން ދޫކޮށް ވަނީ ނުކުމެފައެވެ.

މި އިސްލާޙުގެ ދަށުން، ޕާކިސްތާންގެ އަސްކަރިއްޔާގެ ވެރިޔާ، ޢާޞިމް މުނީރްގެ ދަށަށް ކަނޑާއި ވައިގެ ސިފައިންވެސް ބަދަލުވާނެއެވެ. ޕާކިސްތާންގެ ޗީފް އޮފް ޑިފެންސްގެ މަޤާމުގެ ދަޢުރު ހަމަވާފަހުން ވެސް، ޢާޞިމްގެ މައްޗަށް އެއްވެސް ދަޢުވާއެއް އުފުލުން ވެސް މި އިސްލާޙުގެ ދަށުން މަނާވާނެއެވެ.

މި އިސްލާޙުގެ ސަބަބުން، ޤައުމުގައި ހަމަޖެހުން ޤާއިމުވެ، އެއްބައިވަންތަކަމުގެ ރޫހެއް އުފެދޭނެކަމަށް ޕާކިސްތާންގެ ބޮޑުވަޒީރު ޝެޙްބާޒް ޝަރީފް ވިދާޅުވިއެވެ.

ނަމަވެސް، އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި، މިއީ ވެރިކަންކުރާ އިއްތިހާދާއި އަސްކަރިއްޔާއަށް ބާރުތައް ޖަމާކުރަން ގެނައި އިސްލާޙެކެވެ.