ޓުއަރިޒަމް

ދިވެހިންގެ ފަރާތުން ކޮސްޓާގެ ދަތުރުތަކަށް ބޮޑު ތަރުޙީބެއް


ދުނިޔޭގެ މަޝްހޫރު ކުރޫޒް ލައިނަރއެއް ކަމަށްވާ "ކޮސްޓާ"ގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުޞަތު ދިވެހިންނަށް ހުޅުވާލުމުން، އެކަމަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަމަށް އިނަރ މޯލްޑިވްސްއިން ހާމަކޮށްފިއެވެ.

އިނަރ މޯލްޑިވްސްގެ ޑިރެކްޓަރ އަޙުމަދު އިޖާޒް ވިދާޅުވީ، ޢާއިލާތަކާއިއެކު ކްރޫޒް ލައިނަރގައި ޗުއްޓީ ހޭދަކޮށްލަން ބޭނުންވާ ފަރާތްތަކަށް ފައިސާ ދައްކާނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ ގޮތުން އެ ކުންފުނިން މިހާރު ބޭންކުތަކާއި މަޝްވަރާ ކުރަމުންދާކަމަށެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ކްރޫޒް އޮޕަރޭޓް ކުރާ ކުންފުނިކަމަށްވާ، ކާނިވަލް ކޯޕަރޭޝަންގެ ބައެއް ކަމަށްވާ ކޮސްޓާ ކްރޫޒަސްގެ ރާއްޖޭގެ އެޖެންޓަކީ އިނަރ މޯލްޑިވްސްއެވެ. ކްރޫޒްލައިނާރގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުޞަތު އެ ކުންފުނިން މިހާރުވަނީ، ޚާއްޞަ ޕެކޭޖްތަކަކާއިއެކު، ދިވެހިންނަށް ހުޅުވާލާފައެވެ. މި ޕެކޭޖްތަކުގެ އަގު އުޅެނީ 900 ޑޮލަރާއި 2000 ޑޮލަރާއި ދެމެދުގެ އަގުތަކެއްގައެވެ. 

img:http://s3.psmnews.mv/images/660x400/14722779582946.jpg|ކޮސްޓާ ކްރޫޒަސްގެ ކްރޫޒްލައިނަރއެއްގެ އެތެރެ / ކޮސްޓާގެ ދަތުރުތަކަށް ދިވެހިންގެ ފަރާތުން ބޮޑު ތަރުޙީބެއް ދަނީ ލިބެމުން

ކްރޫޒްލައިނަރ ދަތުރުތަކުގެ ތެރެއިން އެންމެ ފުރަތަމަ ތަޢާރަފް ކޮށްފައިވަނީ ރާއްޖެއާއި އިންޑިއާގެ މުމްބާއީއާއި ދެމެދުގެ ޕެކޭޖްތަކެވެ. ނަމަވެސް މިހާރު އިނަރ މޯލްޑިވްސްއިން ވަނީ ސްރީލަންކާއާއި ރާއްޖެއާއި ދެމެދުގެ ޕެކޭޖެއްވެސް ތަޢާރަފްކޮށްފައެވެ. މި ކްރޫޒްލައިނަރ ފުރަތަމަ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އަދި، ދެވަނަ ދަތުރަށް ފަށާނީ ޑިސެމްބަރު މަހުގެ 30ވަނަ ދުވަހުކަމަށް އިނަރ މޯލްޑިވްސްއިން ބުނެއެވެ. މިއިން ކޮންމެ ދަތުރެއްގެ ދިގުމިނަކީ 7 ދުވަހެވެ. 

ޑިސެމްބަރުމަހުގެ ދަތުރުތަކަށްފަހު، ދެން ކްރޫޒްލައިނަރގެ ދަތުރުތައް އޮންނާނީ ފެބްރުއަރީ، މާރޗް އަދި އޭޕްރިލްމަހުއެވެ. މިއިން ކޮންމެ މަހަކުވެސް ދެ ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށް އިނަރ މޯލްޑިވްސްއިން ބުނެއެވެ. މިކްރޫޒްލައިނާގައި ގާތްގަނޑަކަށް 700 ކޮޓަރި ހުންނައިރު، ސުވިމިން ޕޫލާއި ބޮޑެތި ޝޮޕިން ކޮމްޕްލެކްސްތައް ފަދަ ތަފާތު ގިނަ ޚިދުމަތްތަކެއް ފަސިންޖަރުންނަށް ލިބެން ހުންނާނެކަމަށް އެ ކުންފުނިން ބުނެއެވެ.