ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި މިހާރު ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އަންހެން ޑަބަލްސް އިވެންޓުގެ ސެމީ ފައިނަލުގައި ވާދަކޮށް ރާއްޖޭގެ ފާތުމަތު ދީމާ އަލީ އަދި ރަފާ ނިޒާމްގެ ޕެއަރ ބްރޯންޒް މެޑަލް ހޯދައިފިއެވެ.
ފޯރިގަދަ މިމެޗުގައި އިދިކޮޅުން ވާދަކުރީ ތުރުކީގެ ޓީޓީ ޗެމްޕިއަނުންކަމަށްވާ އެޗޭ ހަރާކް އާއި އޮޒްގީ ޔިލްމާޒްގެ ޕެއަރއެވެ. ވާދަވެރި މި މެޗު އިދިކޮޅުން ނަގާފަވަނީ 3 ސެޓު 1 ސެޓު މެޗު ކާމިޔާބުކޮށްގެންނެވެ.
މިމެޗުގެ ފުރަތަމަ ސެޓު 11-7 އިން ތުރުކީން ކާމިޔާބުކުރި ނަމަވެސް މި ސެޓުގައި ރާއްޖޭގެ ކުޅުންތެރިންވަނީ ރަނގަޅު ކުޅުމެއްދައްކާފައެވެ. ދެވަނަ ސެޓުގެ ކުރީކޮޅު ދެކޮޅުންވެސް އެއްވަރު އެއްވަރުގެ ކުޅުމެއް ފެނުނުނަމަވެސް ސެޓުގެ ވަކި ހިސާބަކުން ތުރުކީގެ ކުޅުންތެރިންވަނީ ލީޑު ފުޅާކޮށް ދެވަނަ ސެޓުވެސް ކާމިޔާބުކޮށްފައެވެ.
ތިންވަނަ ސެޓުގެ ލީޑު ރާއްޖޭގެ ކުޅުންތެރިން ނެގި ނަމަވެސް އިދިކޮޅުންވަނީ ފަހަތުން އަރާ ލީޑު ފުޅާކޮށްފައެވެ. އެހެންނަމަވެސް ހިތްވަރު އެލުވާނުލާ ޜާއްޖޭގެ ޕެއަރއިން ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ 11-7 އިން މި ސެޓު ކާމިޔާބުކުރެވުމެވެ. ހަތަރު ވަނަ ސެޓުގެވެސް ކުރީކޮޅު ރާއްޖޭގެ ޕެއަރއިން ލީޑު ނެގިތަން ފެނުނެވެ. ނަމަވެސް ތުރުކީން ފަހަތުން އަރާ ރާއްޖޭގެ ކުޅުންތެރިން ވަނީ މި ސެޓުގައި ބަލިކޮށްފައެވެ.
މިމުބާރާތުގައި އިއްޔެވެސް ދީމާ އަދި ރަފާވަނީ ވަރުގަދަ ތިން މެޗުގަ ވާދަކޮށްފައެވެ. މި އިވެންޓާއެކު ރާއްޖޭގެ ޓީޓީ ޓީމަށް މިހާރުވަނީ މުބާރާތް ނިމިފައެވެ.