ޚަބަރު

ކޮރަޕްޝަން ހުއްޓުވޭނީ އެންމެންގެ މަސައްކަތުން"


ކޮރަޕްޝަން ހުއްޓުވައި ނަޒާހާތްތެރި މުޖުތަމަޢަކަށް ވެވޭނީ ކޮންމެ ފަރުދަކުވެސް ކޮރަޕްޝަން ނައްތާލުމަށްޓަކައި މަސައްކަތް ކޮށްގެންކަމަށް އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިހެން ވިދާޅުވީ ކޮރަޕްޝަނާއި މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަނުން އުފެއްދި ޓީވީ ޑްރާމާ ސިލްސިލާ "ބިތުފަންގި" ސީޒަން 2ގެ ނިމުން ފާހަގަ ކުރުމަށްޓަކައި ރޭ އާރޓް ގެލަރީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ކޮރަޕްޝަނާއި މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަނުން އުފެއްދި ޓީވީ ޑްރާމާ ސިލްސިލާ "ބިތުފަންގި" ސީޒަން 2 ނިމުން ފާހަގަކުރުމަށް ރޭ އާރޓް ގެލަރީގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން އިންފޮމޭޝަން ކޮމިޝަނަރ ޢަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވީ ކޮރަޕްޝަނާ ގުޅޭ ގޮތުން މުޖުތަމަޢު ހޭލުންތެރިކުރުމަކީ ޤައުމުގެ ތަރައްޤީއަށްޓަކައި ވަރަށް މުހިންމު ކަމެއްކަމަށެވެ.

"ބިތުފަންގި" ސިލްސިލާއިންވެސް މިކަން ކޮންމެވެސް ވަރަކަށް ޙާސިލްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮރަޕްޝަން ނައްތާލުމަށްޓަކައި ކޮންމެ ފަރުދަކުވެސް މަސައްކަތުގައި ޝާމިލްވުން މުހިންމުކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން އޭ.ސީ.ސީގެ ރައީސް ހަސަންލުތުފީ ވިދާޅުވީ މިފަދަ ސިލްސިލާ ޕްރޮގްރާމެއް ދެއްކުމުގެ ބޭނުމަކީ ރާއްޖޭގައި ކޮރަޕްޝަންގެ ޙާލަތުއޮތް ގޮތް ސިފަކޮށްދިނުމާއި، އާންމު ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.

ޑްރާމާގެ ޑައިރެކްޓަރ މުހައްމަދު ނިޔާޒް ވިދާޅުވީ ކޮރަޕްޝަން ފަދަ މަޢުޟޫއަކަށް އިންސާފު ކުރުމަކީ އޭނާގެ ފިލްމީ ހަޔާތުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުންކަމަށެވެ. އަދި މިމަސައްކަތުން ކުރިން ނޭންގޭ އެތައް ކަންތައްތަކެއް އެނގިގެންދިޔަ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި "ބިތުފަންގި" އުފެއްދުމުގައި ބައިވެރިވި އޭސީސީ އަދި އެޓާނަލް ޕިކްޗާޒްގެ ފަރާތްތަކަށްވަނީ ހަނދާނީ ލިޔުން ދެއްވާފައެވެ. އަދި "ބިތުފަންގި" ރޭޑިއޯ ސިލްސިލާ 3 އުފެއްދުމުގައި ބައިވެރިވި ފަރާތްތަކަށްވެސް ވަނީ ހަނދާނީ ލިޔުން ހަވާލުކުރައްވާފައެވެ.

"ބިތުފަންގި"ޑްރާމާސިލްސިލާ ޑައިރެކްޓްކޮށްފައިވަނީ މަޝްހޫރު ޑައިރެކްޓަރ މުހައްމަދުނިޔާޒްއެވެ. މިއީ 13 އެޕިސޯޑްގެ ޑްރާމާ ސިލްސިލާއެކެވެ.