ތަޢުލީމު

ހަވަނަ ސްރީލަންކާ އެޑިއުކޭޝަން ފެއަރ ފަށައިފި


ހަވަނަ ސްރީލަންކާ އެޑިއުކޭޝަން ފެއަރ ފަށައިފިއެވެ. މިއަހަރުގެ ފެއަރގައި ސްރީލަންކާގެ 16 ޔުނިވަސިޓީއަކުން ބައިވެރިވެފައިވެއެވެ.

ނެޝަނަލް އާޓްގެލަރީގައި ކުރިއަށްދާ މި ފެއަރ ހުޅުއްވައިދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ ޢަބްދުﷲ ޚަލީލެވެ. މިއީ ރާއްޖޭގައި ތިބި، މަތީ ތަޢުލީމް ޙާސިލްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ސްރީލަންކާގެ ޔުނިވަސިޓީތަކުން ލިބެންހުރި ފުރުޞަތުތައް އަންގައިދިނުމަށް ބާއްވާ ފެއަރއެކެވެ.

މި ފެއަރގައި ބެހެއްޓިފައިވާ ސްޓޯލްތަކުން އެކި ދާއިރާތަކުގެ ކޯސްތަކާ ބެހޭ މަޢުލޫމާތު ލިބިގެންދާނެކަމަށް ފެއަރ އިންތިޒާމްކުރާ ފަރާތުން މަޢުލޫމާތުދެއެވެ.

ރާއްޖޭގައި މަތީ ތަޢުލީމް ޙާސިލްކުރާ ގިނަ ދަރިވަރުންތަކެއް ސްރީލަންކާގައި ކިޔަވަމުންދެއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން 20 ހާހެއްހާ ދިވެހިން އަވެއްޓެރި ސްރީލަންކާގައި ދިރިއުޅެމުންދާއިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ މަތީ ތަޢުލީމް ޙާސިލްކުރުމަށް އެޤައުމުގައި ދިރިއުޅޭ މީހުންނެވެ.

ސްރީލަންކާ އެޑިއުކޭޝަން ފެއަރ އަކީ ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކުރާ ފެއަރއެކެވެ. މިފަހަރުވެސް ފެއަރ އަށް ޒިޔާރަތްކުރާ ކުދިންގެ ތެރެއިން ގަރުއަތުން ހޮވޭ ކުދިންނަށް ސްރީލަންކާގެ ޔުނިވަސިޓީތަކުން ހިލޭ ސްކޮލަރޝިޕްތަކެއް ދިނުމަށް ހަމަޖެހިފައިވެއެވެ. މި ފެއަރ ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.