ތުރުކީގެ ފެނަބާޗޭގެ ކޯޗުކަން ދޫކޮށް މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ދިޔައިރު އޭނާ ހުރި ހޮޓަލަށް 744000 ޔޫރޯ ނުދައްކައި އޮތް ކަމަށް ދުނިޔޭގެ މީޑިއާތަކުން ބުނަން ފަށައިފިއެވެ.
އުމުރުން 62 އަހަރުގެ ކާމިޔާބު ކޯޗު ފެންބާޗޭގައި ހޭދަކުރި 16 މަސް ދުވަހުގެ ތެރޭގައި މުޅިން ވެސް ހުރީ 19 ވަނަ ގަރުނުގެ ތެރޭގައި ބިނާކޮށްފައިވާ މަޝްހޫރު ފޯ ސީޒަން ހޮޓަލުގަ އެވެ. މިއީ ފަސް ތަރީގެ ހޮޓަލެކެވެ. މި ތަނުގައި އައުޓްޑޯ އަދި އިންޑޯ ސްވިމިން ޕޫލް ހުރެއެވެ.
ހޮޓަލުގެ ސްޓާފުންނާ ހަވާލާދީ އިނގިރޭސި މީޑިއާތަކުން ބުނެފައިވަނީ މޮރީނިއޯ އެތަނުގައި ހުރި އިރު ކެއުމަށް އާއްމުކޮށް ބޭނުން ކުރީ ޕިއްޒާ އާއި ޗޮކްލެޓް އައިސް ކްރީމާއި ޗިކަން ސޫޕް ކަމަށެވެ. ތުރުކީގައި ކޯޗުކޮށްދިންއިރު އަމިއްލަ ކުއްޔަށް ގެ އެއް ހިފައިގެން ހުންނަން އޭނާ ބޭނުމެއް ނުވި އެވެ.
މޮރީނިއޯ ހޮޓަލުގެ ބިލް ނުދައްކައި ދިއުމުން މި ބިލް ދައްކާނީ އޭނާތޯ ނުވަތަ ފެނަބާޗޭއިންތޯ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. ބައެއް ރިޕޯޓްތައް ބުނަނީ އޭނާ ބިލް ނުދައްކައި ދިޔައީ ފެނަބާޗޭގެ ކޯޗުކަމުން އޭނާ ވަކި ކުރުމުން އެ ކުލަބުން ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާ އަދި ދީފައި ނުވާތީ އެވެ. އެއީ 15 މިލިއަން ޔޫރޯއެވެ. އާއްމުކޮށް މީޑިއާގައި ވާހަކަ ގިނަ ކޯޗު މިކަމާ ބެހޭ ގޮތުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ފެންބާޗޭއިން ވަކިކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުން އޭނާ މިހާރު ކޯޗުކޮށްދެމުން އަންނަނީ އަމިއްލަ ގައުމު ޕޯޗުގަލްގެ ބެންފީކާ އަށެވެ.
މޮރީނިއޯ އަކީ ޕޯޗުގަލްގެ ޕޯޓޯ އާއި އިޓަލީގެ އިންޓަމިލާނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައިވާ އަދި އިނގިރޭސިވިލާތުގެ ޗެލްސީގެ އެންމެ ކާމިޔާބު ކޯޗެވެ. އޭނާ ވަނީ ސްޕޭނުގެ ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް އަދި އިޓަލީގެ ރޯމާ އަށް ވެސް ކޯޗުކޮށްދީފައެވެ.