ސިޔާސީ

"ޤާސިމް ހުންނެވީ ސަރުކާރާއެކު"


ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ހުންނެވީ ވަރަށް ސާބިތުކަންމަތީ، ރައީސުލްޖުމްހޫރިއްޔާގެ ފަހަތްޕުޅުގައި ކަމަށާއި މި ޤައުމަށް ދެރައެއް ލިބޭފަދަ އެއްވެސް ކަމަކަށް އެމަނިކުފާނު ތާއީދު ނުކުރައްވާނެކަމަށް ޖުމްހޫރީޕާޓީގެ ނާއިބް ލީޑަރ އަދި ދަނގެތީ ދާއިރާގެ މެންބަރ އިލްހާމް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޖުމްހޫރީޕާޓީގެ ނާއިބް ލީޑަރ އަދި ދަނގެތީ ދާއިރާގެ މެންބަރ އިލްހާމް އަޙްމަދު ވިދާޅުވީ މި ޤައުމަށް ބަޣާވާތެއް ގެނައުމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ޤަބޫލުފުޅު ކުރައްވާނެ ކަމެއް ނޫންކަމަށާއި، ވެރިކަމަށް އަންނަން ބޭނުންފުޅުނަމަ އެމަނިކުފާނު ޤަބޫލުފުޅުކުރައްވާ ސިޔާސަތަކީ ވޯޓަކުން ވެރިކަމަށް ވަޑައިގެންނެވުން ކަމަށެވެ. އަދި ޤާސިމް އިބްރާހީމް ހުންނެވީ ވަރަށް ސާބިތުކަންމަތީގައި ކަމަށާއި ޤައުމުގެ ހަމަޖެހުމަށް ގެއްލުންވާފަދަ އެއްވެސް ކަމެއް ނުކުރައްވާނެކަމަށެވެ.

"ބައެއް ބޭފުޅުން ކުރައްވާ ސުވާލެއް އޮނަރަބަލް ޤާސިމް އިބްރާހީމް މިކަމަށް ތާއީދު ކުރައްވާނެތޯ މި ޤައުމުގައި ތި ވިދާޅުވާ.. ބަޣާވާތެއް ގެންނާކަށް. އޮނަރަބަލް ޤާސިމް އިބްރާހީމް ވަރަށް ޤަބޫލުފުޅު ނުކުރައްވާ ކަމެއް، އެމަނިކުފާނު ހުންނެވީ ސާބިތުކަންމަތީގައި ބަޣާވާތަކަށް ޖާގައެއް ނުދެއްވާނެ އެމަނިކުފާނު ހުންނެވީ ރައީސް ޢަބްދު ﷲ ޔާމީން އަބްދުލްޤައްޔޫމާއެކު ފަހަތްޕުޅުގައި ސާބިތުކަންމަތީގައި. މި ޤައުމުގަ ވެރިކަމަށް ވަޑައިގަންނަވަންޏާ އެމަނިކުފާނު ޤަބޫލުފުޅުކުރައްވާ ސިޔާސަތަކީ ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރުމަށްފަހު ވޯޓަކަށް ގޮސްގެން އެކަންކަން ކުރެއްވުން، އެމަނިކުފާނެއް ޤަބޫލުފުޅެއް ނުކުރައްވާ މި ޤައުމުގެ ސްޓެބިލިޓީއަށް ގެއްލުމެއް ލިބޭކަށް އެއްވެސް ކަމެއް ކުރާކަށް" މެންބަރ އިލްހާމް އަޙްމަދު ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ބޭރުގެ ބޮޑެތި ބާރުތަކުގެ އެހީ ހޯދުމަށް ބަޔަކު މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތު ކުރައްވައި، އިލްހާމް ވިދާޅުވީ އެފަދަ ކަންތައްތަކަކީ ރާއްޖޭގެ މިނިވަންކަން ނަގާލުމަށް ކުރެވޭ ކަންތައެތަކެއް ކަމަށެވެ. އަދި ވެރިކަން ބަދަލުކުރަން ބޭނުންނަމަ އެންމެ ރަނގަޅު ގޮތަކީ ވޯޓަކުން އެކަން ބަދަލުކުރުން ކަމަށް އިލްހާމް ވިދާޅުވިއެވެ.

"ހަތަރު ފަސް މީހެއްގެ ޙައްޤުގައި އައިސް މި ޤައުމު ކަތިލައި، މި ޤައުމުގެ އަގު ވައްޓާލައި މިޤައުމުގެ ކަރާމާތަށް ބުރޫއަރުވައި މި ޤައުމުގެ އިސްތިޤްލާލާއި މިނިވަންކަން ގެއްލުވާލައި މި ޤައުމުގަ އޮތް ސިޔާދަތު ނަގާލައި ކޮންކަމެއްތޯ މި ކުރެވެނީ.. ބޮޑެތި ބާރުތައް ކައިރިއަށްގޮސް މި ޤައުމުގެ ވެރިކަން ވަށްޓާލަދޭށޭ އެކަމެއް ނުކުރެވޭނެ. އެއީ މާޒީ، އެއީ މާޒީ، މިއަދު އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ، ތަޢުލީމީ މީހުން ޤަބޫލުކުރަންޖެހޭ ގޮތަކީ، ސިޔާސީ މީހުން ޤަބޫލުކުރައްވަންޖެހޭ ގޮތަކީ، މިއަދު ތިބޭފުޅުންގެ ތެރެއިން މަސައްކަތްކުރައްވާ ބޭފުޅުންނަށް ބޮލަށް ވައްދައިގެން މި ވެރިކަން ވަށްޓަނީއޭ މިހެން ބަޣާވާތް ގެންނަނީއޭ މިވެނިކަމެއް ކުރަނީއޭ ކިޔާފަ އެބޭފުޅުން ހަޖޫހައްދަވަމުން، އެމީހުން ހައްދައިގެން ތިގޮތަށް މޯޓިވޭޓްކުރުމުގެ ބަދަލުގައި ގޮސްސަ ރީތިކޮށް ކިޔައިދީގެން ވޯޓަކަށް ވަޑައިގަންނަވަންވީ. އެއީ އެންމެ ރަނގަޅު ގޮތަކީ" މެންބަރ އިލްހާމް އަޙްމަދު ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ، ރާއްޖޭގެ ވެރިކަމަށް ކޮންމެ ބޭފުޅަކު ވަޑައިގަންނަވަން ބޭނުންފުޅުވިކަމުގައިވިޔަސް އަންނަންޖެހޭނީ ވޯޓަކުންކަމަށާއި، ބަޣާވާތަކަށް ރާއްޖޭގައި ފުރުޞަތެއް ނެތްކަމަށެވެ. އަދި ވޯޓަކުން ކޮންމެ ބޭފުޅަކު ވެރިކަމަށް އަޔަސް އެ ބޭފުޅަކަށް 5 އަހަރުގެ ދައުރު ފުރިހަމަކުރުމުގެ ފުރުޞަތު ދެއްވަން ޖެހޭނެކަމަށްވެސް އިލްހާމް ވިދާޅުވިއެވެ.