ކުޅިވަރު

އިސްލާމިކް ސޮލިޑާރިޓީ ގޭމްސް: ޓީޓީ ފިރިހެން ސިންގަލްސްގައި ވާދަވެރިކުޅުމަކަށްފަހު އަލްބޭނިއާއިން މެޗު ނަގައިފި


ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިސް ފިރިހެން ސިންގަލްސްގައި ރާއްޖޭގެ މުސާ މުންސިފް އަހުމަދު އާއި އަލްބޭނިއާގެ ކެލީ ކަލަޖާ ބައްދަލުކުރި މެޗު އަލްބޭނިއާއިން ކާމިޔާބުކޮށްފިއެވެ.

މިއީ މިމުބާރާތުގައި މުންސިފް ވާދަކުރި ފުރަތަމަ މެޗެވެ. ބެސްޓް އޮފް ސެވަން އަށް ކުޅުނު މިމެޗުގެ ފުރަތަމަ ސެޓުގައި އޭނާ ވަނީ މޮޅު ކުޅުމެއްދައްކާފައެވެ. މިސެޓް ފަސޭހަކަމާއެކު އޭނާ ކާމިޔާބުކުރި އިރު ސެޓު އޭނާ ނަގާފައިވަނީ 11-5 ގެ ފަރަގަކުންނެވެ.

މެޗުގެ ދެވަނަ ސެޓު އަލްބޭނިއާގެ ކުޅުންތެރިޔާ ތަފާތު މޮޅު ކުޅުމެއް ދައްކާ 11- 8 އިން ސެޓު ކާމިޔާބުކުރި ނަމަވެސް ތިންވަނަ ސެޓަށް މުންސިފް ހިތްވަރާއެކު ނުކުމެ މުންސިފު ލީޑު ނަގާ އަލްބޭނިއާގެ އެތުލީޓުވަނީ 11-5 އިން ބަލިކޮށްފައެވެ. މެޗުގެ ތިންވަނަ ސެޓު ވާދަވެރިކޮށް ފެނިގެން ދިޔައިރު މިސެޓު އަލްބޭނިއާއިން ނަގާފަވަނީ އެންމެ ދެ ޕޮއިންޓުގެ ތަފާތަކުން 11-9 އިންނެވެ.

މެޗުގެ ފަސްވަނަ ސެޓްއާއި ހަމައަށް އައިއިރުގައި ކޮންމެ ކުޅުންތެރިއަކުވެސް ދެ ސެޓް ހޯދާފަވާއިރު، ފަސްވަނަ ސެޓް ހޯދުމަށް ދެ ކުޅުންތެރިންވެސް ވަރަށް ބޮޑަށް މަސައްކަތް ކުރިތަން ފެނުނެވެ. މިސެޓުގަ ލީޑާއެކު މުންސިފް ހިތްވަރުކުރުމުގެ ނަތީޖާއަކަށްވީ 11-6 ގެ ފަރަގަކުން މިސެޓު އޭނާއަށް ލިބުމެވެ. މެޗުގެ ހަވަނަ ސެޓުވެސް ވާދަވެރިކޮށް ދިޔައިރު މިސެޓު އަލްބޭނިއާއިން ނަގާފަވަނީ 11-8 ގެ ކުޑަ ފަރަގަކުންނެވެ.

ނަތީޖާ ނެރުމަށް ކުޅުނު ހަވަނަ ސެޓު ކާމިޔާބުކުރީ އަލްބޭނިއާއިންނެވެ. އަލްބޭނިއާގެ ކެލީ ކަލަޖާ މި ސެޓު ނަގާފަވަނީ 11-9 އިންނެވެ. މި ސެޓަކީވެސް މުންސިފްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ ސެޓަކަށްވާއިރު އޭނާ ވަނީ އަލްބޭނިއާގެ ކުޅުންތެރިޔާ ލީޑުގަ އޮތްނަމަވެސް ފަހަތުން އަރާ ހަމަކުރުމަށް ޕޮއިންޓް އަކަށް ފަހު ޕޮއިންޓްއެއް ހޯދާ ލީޑް ހަނިކޮއްފައެވެ.