ތަޢުލީމު

ޤައުމީ ޔުނިވަސިޓީން 500އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ


ޤައުމީ ޔުނިވަސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ ބާއްވަވައިފިއެވެ.

ޤައުމީ ޔުނިވަސިޓީން  މިފަހަރު ވަނީ 558 ޒުވާނަކު ދަސްވެނިވެ، ސަނަދު ޙާސިލްކޮށްފައެވެ. މީގެ ތެރޭގައި ޑިޕްލޮމާ، ޑިގްރީގެ އިތުރުން މާސްޓާސް އަދި ޕޯސްޓްގްރްޖުއޭޓް ކޯސްތައް ހިމެނެއެވެ.

ޤައުމީ ޔުނިވަސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވަނީ ދަސްވެނިންނަށް މުހިންމު މެސެޖްތަކެއް ދެއްވާފައެވެ. މިނިސްޓަރގެ ވާހަކަފުޅުގައި މަތީ ތަޢުލީމް ހާސިލްކޮށްގެން ވަޒީފާގެ ޒިންމާ އަދާ ކުރުމަށް ނިކުންނަ ޒުވާނުންގެ ފިކުރު ބައްޓަންކުރަންވީ، ތަރައްޤީގެ ރޮނގުން އިންގިލާބީ ބަދަލުތަކެއް ގެންނަވައި ޤައުމު އާރާސްތު ކުރެއްވުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށްކަމަށް ވިދާޅުވިއެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ރާއްޖޭގެ މީހުން ދިރިއުޅޭ 188 ރަށުގައި 560 މަޝްރޫޢު އެއްފަހަރާ ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ ސިއްޙީ ނިޒާމް، ދުނިޔޭގެ ފެންވަރަށް ބަދަލުވަމުންދާއިރު، ތަޢުލީމީ ސިޔާސަތަކީ އެއްވެސް ކުއްޖަކު ބާކީ ނުކުރުން. 3000 ޓީޗަރުން ޑިގްރީ ފެންވަރަށް ގެންދިއުމުގެ މަސައްކަތް މިވަނީ ފެށިފަ. ޤައުމުން ފެންނަމުން މިދަނީ އިގްތިސާދީ އިންގިލާބެއް. ޒުވާނުންނަށް، ވިޔަފާރި އާއި ވަޒީފާގެ އެތައް ފުރުސަތުތަކެއް މިވަނީ ހޯދައިދެވިފަ. އަދި އެތައް ރަށެއްގެ ފެނާއި ނަރުދަމާއާއި، މަގުތަކާއި، ބަނދަރުތަކާއި، ބްރިޖްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށްލަން." ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ޤައުމުގެ ތަރައްޤީ ބާރު ދުވެލީގައި ކުރިއަށްދާއިރު، ކޮންމެ މީހަކުވެސް ތިމާގެ ބޮލުގައި އެޅިފައިވާ ޒިންމާ އަދާކޮށް ޤައުމަށް ޚިދުމަތްކުރުމުގެ ފިކުރު ގެންގުޅުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

" މިއަދަކީ ތިކުދިން ފަދަ  ޒުވާނުންނާއި، ހަރުމީހުން ނިކުމެ ޤައުމުގައި ހުރި މައްސަލަތައް ޙައްލުކޮށް ޤައުމު ބިނާ ކުރުމުގެ ވަގުތު. ޤައުމު ތިމާކޮށް ކޮށްދެނީ ކޮންކަމެއްތޯ ނުބަލާ ޤައުމަށް ޚިދުމަތް ކުރުމުގެ ފިކުރަކީ ކޮންމެ ދިވެހިރައްޔިތަކުވެސް ގެންގުޅެންޖެހޭ ފިކުރު. ޤައުމުގެ ދުލުން އެދި ގޮވަމުންދަނީ މިކަމަށް. " ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޤައުމީ ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އައިޝަތު ޝާހީން ވަނީ ޤައުމީ ތަރައްޤީގައި އަންހެނުންގެ ދައުރު އިތުރުވަމުންދާކަން ފާހަގަކުރައްވާފައެވެ.

" މަތީ ތަޢުލީމް ހާސިލްކޮށްގެން ގައުމީ ތަރައްޤީގެ މަސައްކަތްތަކުގެ އިސް ސަފުގައި އަންހެނުންގެ ހިއްސާ އިތުރުވުމަކީ ޤައުމުގެ ކުރިއެރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް." ޤައުމީ ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އައިޝަތު ޝާހީން ވިދާޅުވިއެވެ.

ޤައުމީ ޔުނިވަސިޓީގެ މިފަހަރު ދަސްވެނިވެފައިވަނީ މުދައްރިސުންނާއި، ނަރުހުންނާއި، ފާމަސިސްޓުންނާއި، ލެބޯޓަރީ ޓެކްނީޝަނުންނާއި، އިސްލާމާއި، ދިވެހިބަހާއި، އަދި އަރަބި ބަހުގެ އުސްތާޒުންނާއި، ފަތުރުވެރިކަމުގެ ދާއިރާއިން ފްރަންޓް އޮފީސް ސްޓާފުންނާއި، ހައުސް ކީޕަރުންނާއި، ސެފުންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ މެނޭޖަރުންނާއި، ޤާނޫނީ ވަކީލުންނާއި، އައިޓީ ޓެކްނީޝަނުންނާއި، ވިޔަފާރިވެރިންނާއި، މާކެޓްކުރާ މީހުންނެވެ.