23 ވަނަ އޭޝިއާ މާސްޓާސް އެތުލެޓިކް ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލުކުރި ހުސްނާ މުޙައްމަދު 10 ކިލޯ މީޓަރު ދުވުމުގައި ވާދަކޮށް ރިހި މެޑައްޔެއް ހޯދައިފިއެވެ. މިމެޑައްޔާއެކު އޭނާވަނީ މިމުބާރާތުން ޖުމްލަ ދެ މެޑަލް ހޯދާފައެވެ.
މި ހީޓުން ހުސްނާ ދެވަނަ ހޯދާފައިވަނީ 14 އެތުލީޓުންވަނީ ވާދަކޮށްގެންނެވެ. މިމުބާރާތުގެ 5000 މީޓަރު ދުވުމުގައި ވާދަކޮށް ލޯ މެޑަލް އޭނާ ހާސިލްކޮށްފަވާއިރު، އެ ހީޓުގައި ޖުމްލަ 27 އެތުލީޓަކު ދުވެފަވެއެވެ.
މިއީ އޭޝިއާ ސަރަހައްދުގައި ބާއްވާ މިފަދަ އެންމެ ބޮޑު މުބާރާތެވެ. މިމުބާރާތުގައި ރާއްޖެ ހިމެނޭހެން 22 ގައުމަކުން 3312 އެތުލީޓުން ވާދަކޮށްފަވެއެވެ. މުބާރާތް ކުރިއަށް ދިޔައީ މިމަހުގެ 5 އިން 9 އަށް އިންޑިއާގެ ޓެމިލް ނާޑޫގެ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައެވެ.
މިމުބާރާތުގައި ރާއްޖެ ތަމްސީލުކޮށްފަވަނީ މާސްޓާސް އެތުލެޓިކްސްގެ ފަރާތުންނެވެ. މިމުބާރާތުގައި މާސްޓާސް އެތުލެޓިކްސްގެ ފަރާތުން 19 ފިރިހެން އެތުލީޓުންނާއި 4 އަންހެން އެތުލީޓުން ހިމެނޭ ޓީމަކުން ވާދަކުރިއެވެ. މިޓީމުން އެނބުރި މާލެ އައުމަށް ހަމަޖެހިފަވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.