ކުޅިވަރު

ފަލަސްޠީނުގެ ޒުވާން ޤައުމީ ޓީމަށް ރާއްޖެއިން ހޫނު މަރުޙަބާއެއް


ފަލަސްޠީނުގެ ޒުވާން ޤައުމީ ޓީމު މިއަދު މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ހުޅުލޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީއިން އެޓީމަށް މަރުހަބާ ދެންނެވީ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ފުޓްބޯޅާ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަޙުމަދު ޠާރިޤުއެވެ. އޭގެ އިތުރުން ފުޓްބޯޅަ އާއިލާގެ ވަރަށް ގިނަ ފަރާތްތަކެއް އެޓީމަށް މަރުހިބާ ކިއުމަށް އެއާޕޯޓަށް ގޮސްފައިވެއެވެ.

ފަލަސްޠީނުގެ ޒުވާން ޤައުމީ ޓީމުން ރާއްޖެއަށް މިކުރާ ދަތުރަކީ މިމަހުގެ 22 އިން 30 އަށް ތައިލޭންޑްގެ ޗޮންބުރީގައި ފެށުމަށް ހަމަޖެހިފައިވާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރުމުގެ ކުރިން އެމުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގައި ކޭމްޕުކުރުމަށް ކުރި ދަތުރެކެވެ. ހަނގުރާމައިގެ ސަބަބުން ފުޓްބޯޅަ ކުޅޭނެ މާޙައުލެއް ނެތުމުގެ ސަބަބުން އެޓީމަށް ރާއްޖޭގައި ކޭމްޕު ކުރުމުގެ ހުއްދަ ދެއްވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިންނެވެ.

މި ހުއްދައިގެ ދަށުން އެޓީމުން ރާއްޖޭގައި ފަރިތަކުރުންތައް ބާއްވާއިރު، މިކަމަށް ބޭނުންވާނެ ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުޅިވަރު ވުޒާރާއިން ގެންދަވަނީ ވަރަށް ގާތުން ބައްލަވަމުންނެވެ. މި ޓީމުގެ ހުރުމާއި، ކެއުން ކުޅިވަރު ވުޒާރާއިން ހަމަޖައްސަވާފަވާއިރު ލޮޖިސްޓިޖް ހުރިހާ ޚަރަދެއް ބަހަލައްޓާނީ އެފްއޭއެމުންނެވެ. އަދި ޓީމުގެ ދަތުރުފަތުރާއި ސެކިއުރިޓީގެ ކަންކަން ހަމަޖައްސާފަވަނީ ފުލުހުންނާއި އެމްއެންޑީއެފްގެ އެހީތެރިކަމާއެކުއެވެ.

މިދަތުރުގައި 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ޓީމާ ފަލަސްޠީނު ޓީމު ދެމެދު ޤައުމީ ފުޓްބޯޅަ ދަނޑުގައި އެކުވެރިކަމުގެ ދެމެޗުވެސް ކުޅުމަށް ހަމަޖައްސާފަވެއެވެ. މިމެޗުތައް ތާވަލުކޮށްފަވަނީ މިމަހުގެ 13 އާއި 15 ގައެވެ.

މީގެ އިތުރުން ފަލަސްތީނުގެ ފުޓްބޯޅައަށް އެހީތެރިވުމުގެ ގޮތުން ރާއްޖެއާއި، ފަލަސްޠީނު ބައްދަލުކުރާ ދެ މެޗުގައި ސްވެނިއަރ ޓިކެޓު ވިއްކުމަށްވެސް އެފްއޭއެމުން މިހާރުވަނީ ނިންމާފައެވެ. މި ޓިކެޓުތައް ވިއްކައިގެން ލިބޭ ފައިސާ ފަލަސްޠީނު ޓީމަށް ހަދިޔާ ކުރުމަށް ނިންމައިފައިވާއިރު ސްވެނިއަރ ޕްލެޓިނަމް ޓިކެޓެއް ވިއްކާ އަގަކީ 1000 ރުފިޔާއެވެ. މިއީ ވީވީއައިޕީ (ރޮސްޓްރަމް) ގެ 50 ޓިކެޓެވެ. އަދި 200 ސްވެނިއަރ ގޯލްޑް ޓިކެޓްވެސް ވިއްކުމަށް ހަމަޖެހިފަވާއިރު މިޓިކެޓުގެ އަގަކީ 500 ރުފިޔާއެވެ.