ޚަބަރު

އެއަރޕޯޓުން ޑޮލަރު ފޭރުނު މައްސަލާގައި އިތުރު 3 މީހަކު ހައްޔަރުކޮށް، 04 މީހަކު ފުރުން މަނާކޮށްފި


  • މައްސަލައިގެ ތަޙުޤީޤުގެ ތެރެއިން 05 އުޅަނދެއް ބަލައި ފާސްކުރި

  • މާލެއާއި އިތުރު ރަށްތައް ހިމެނޭހެން 20 ތަނެއް ބަލައި ފާސްކުރި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ވީއައިއޭއިން ފައިސާ ހުރި ސޫޓު ކޭހެއް ފޭރިގަތް މައްސަލައިގައި އިތުރު 3 މީހުން ހައްޔަރުކޮށްފިއެވެ.

މިހާތަނަށް މި މައްސަލައިގެ ތަޙުޤީޤަށް 7 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން އިތުރަށް ހައްޔަރުކޮށްފައިވަނީ، ގއ.ވިލިނގިލި /ބިނާ، ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު (27އ) އާއި، ތ.ވިލުފުށި/ އެހީވާގެ، އަޙްމަދު މާޙިދު (44އ)އާއި، ސ.ހިތަދޫ / ވަށަގުލިމާގެ، ޢަލީ އަފްޒަލް (21އ) ކަމަށެވެ. މީގެތެރެއިން ޢަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު ހައްޔަރުކުރީ، މިމަހުގެ 02 ވަނަ ދުވަހުއެވެ. އަދި އަޙްމަދު މާޙިދު ހައްޔަރުކުރީ، މިމަހުގެ 04 ވަނަ ދުވަހުއެވެ. މީގެއިތުރުން އަލީ އަފްޒަލް ހައްޔަރު ކޮށްފައިވަނީ، މިމަހުގެ 05 ވަނަ ދުވަހު ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.

މިމައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރާއި، އަޙްމަދު މާޙިދު އަދި އަލީ އަފްޒަލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ޢަލީ އަފްޒަލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ފުރަތަމަ 3 ދުވަހަށް ބަންދުކުރުމަށް އަމުރު ކުރުމަށްފަހު ދެވަނަ ފަހަރަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މީގެއިތުރުން ފުލުހުން ވިދާޅުވީ، މި މައްސަލައިގައި މިހާތަނަށް 04 މީހަކު ފުރުން މަނާކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތަޙުޤީޤުގެ ތެރެއިން 05 އުޅަނދެއް ބަލައި ފާސްކޮށް، މާލެއާއި އިތުރު ރަށްތައް ހިމެނޭހެން ޖުމްލަ 20 ތަނެއް މިހާތަނަށް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

ފުލުހުން ގެންދަނީ، މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ވީއައިއޭއިން ފައިސާ ހުރި ސޫޓު ކޭހެއް ފޭރިގަތީ، މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ފަތިހުއެވެ. ފުލުހުން ވަނީ، މިމައްސަލަ ރިޕޯޓްކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފޭރުމުގައި ބޭނުންކުރި ލޯންޗު ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފޭރިގަތް ސޫޓު ކޭހުގައި ހުރި ފައިސާގެ އަދަދު ރަސްމީކޮށް ހާމަކޮށްފައި ނުވިނަމަވެސް، އެ ސޫޓު ކޭހުގައި ފުރާ މީހުންނަށް ބީއެމްއެލުން ދޫކުރާ 130،000 ޑޮލަރު ހުރި ކަމަށް މައުލޫމާތު ލިބެއެވެ.