ހުޅުމާލެއަށް ޚާއްސަކޮށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ސެންޓްރަލް ޕާކުގައި "އައިލަވް އެޗްއެމްއެލް"ގެ ނަމުގައި މޮނިއުމަންޓެއް ބަހައްޓައިފިއެވެ.
"އައިލަވް އެޗްއެމްއެލް" މޮނިއުމެންޓް ހުޅުވައިދެއްވީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރެވެ.
އެޗްޑީސީގެ މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސްގެ އެސިސްޓެންޓް ޑިރެކްޓަރ މަލްޝާ ޝަރީފް ވިދާޅުވީ، މި މޮނިއުމަންޓަކީ ހުޅުމާލެއަކީ ޑެސްޓިނޭޝަން ތަނެއްގެ ގޮތުގައި މާކެޓް ކުރުމަށް ބެހެއްޓި މޮނިއުމަންޓެއް ކަމަށެވެ.
"ދުނިޔޭގެ އެހެން ބޮޑެތި ގައުމުތަކެކޭ އެއްގޮތައް އައިކޯނިކް އައިޑެންޓިޓީއާއި އެއްގޮތައް އައިލަވް އެޗްއެމްއެލްގެ ގޮތުގައި މިސާލަކަށް ނިއުޔޯކް ސިޓީ ކަހަލަ ތަންތާގައި ވެސް އެންވައި ބޭނުން ކުރާ ގޮތަށް، އެންވައިއޭ ބުނީމަ މީ ނިއުޔޯކް ސިޓީކަން އެނގޭ ގޮތައް ކުރިއަށް އޮތްތަނުގައި އެޗްއެމްއެލްއޭ ބުނީމަ މީ ހުޅުމާލެކަން އެނގޭ ގޮތަށް އެ ލެވެލްއަށް އަޅުގަނޑުމެން ބޭނުންވަނީ ހުޅުމާލެ ސިޓީއެއްގެ ގޮތުގައި ޕްރޮމޯޓްކުރަން." މަލްޝާ ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން އެޗްޑީސީން ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހުޅުމާލެ ރަމްޒުކޮށްދޭ ގޮތަށް މޮނިއުމަންޓްތައް ބަހައްޓާނެ ކަމަށެވެ. އެގޮތުން "އައިލަވް ހުޅުމާލޭ"ގެ އިތުރުން "މަގޭ ހުޅުމާލެ"ގެ އެކި ކަހަލަ މޮނިއުމެންޓްތައް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ.
އެޗްޑީސީން އަންނަނީ ހުޅުމާލެއަކީ، ހިތްފަސޭހަ ތަނަކަށް ހެދުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.