ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިޔަަށް ގެންދިޔަ ޑައިމަންޑް ޖުބިލީ ފުޓްބޯޅަ ފެސްޓިވަލް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މި ފޯރިގަދަ ފެސްޓިވަލްގައި 1500 އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވާއިރު ހުރިހާ ކުދިންނަށްވެސް ވަނީ މެޑަލް ދީފައެވެ.
ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި މި ފެސްޓިވަލް ފޯރިއާއެކު ކުރިޔަަށް ގެންގޮސްފައިވާއިރު މިއީ 12 އަހަރުން ދަށުގެ އުމުރުފުރާތަކުގެ ކުދިން ބައިވެރިކޮށްގެން ކުރިޔަށް ގެންދިޔަ މުހިންމު ހަރަކާތެކެވެ.
18 އެކަޑަމީއަކުން ބައިވެރިވި މި ފެސްޓިވަލްގެ ސަބަބުން އެކި އެކަޑަމީތަކުގެ ކުދިންގެ މެދުގައި އެކުވެރިކަން އާލާވެ ފުޓްބޯޅައިގެ ރޫހާއި ޖޯޝު އިތުރަށް އާލާވިކަމަށް ކުދިން ބުނެއެވެ.
އަދި މި ތާރީހީ ފެސްޓިވަލްގައި ބައިވެރިވެ އުފާވެރި ހަނދާންތަކެއް ފަހަށް ރައްކާކުރެވޭނެ ކަމަށްވެސް ބައެއް ކުދިން ބުންޏެވެ. މި ފެސްޓިވަލަކީ ފުޓްބޯޅަައިގެ ޝައުގުވެރިކަން ދަމަހައްޓާ ތުއްތު އުމުފުރައިން ފެށިގެން ފުޓްބޯޅައަށް ކުދިންގެ މެދުގައި އޮތް ލޯބި އިތުރުވެގެންދާނެ ފެސްޓިވަލެކެވެ.
މާލޭގައި ފެށި ޑައިމަންޑް ޖުބިލީ ފުޓްބޯޅަ ފެސްޓިވަލް ފަދަ ފެސްޓިވަލްތައް މި އަހަރާއި އަންނަ އަހަރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާއްވާނެއެވެ.
މިއީ ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަަށް އެފްއޭއެމުން ބާއްވާ ފެސްޓިވަލްތަކެކެވެ.
1950 ން ފެށިގެން ރާއްޖޭގައި ރަސްމީ ސިފައެއްގައި ފުޓްބޯޅަ ކުޅެން ފަށާފައިވާއިރު ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ އެއްބަޔަކީ އެކަޑަމީތަކެވެ.
ޑައިމަންޑް ޖުބިލީ ފެސްޓިވަލަކީ އެކަޑަމީތަކަށްވެސް ލިބިގެން ދިޔަ ރަނގަޅު ފުރުސަތެކެވެ. އެގޮތުން ކުރިއަރަމުން އަންނަ ހުނަރުވެރި ކުދިންނަށް އެ ހުނަރުތައް ދައްކާލާ ކުދިންގެ ބެލެނިވެރިންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުސަތު މި ފެސްޓިވަލުން ލިބިގެން ދިޔައެވެ.