އައްޑޫ ސިޓީ ފޭދޫގައި އިސްރަށްވެހިންގެ ހިޔާ ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ލިޓަސް ކޮންޕެނީއާއެކު ވި މިއެއްބަސްވުމުގައި ސޮއިކުރީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިބްރާހިމް އިސްމާޢީލެވެ. އަދި ލިޓަސް ކޮންޕެނީގެ ފަރާތުން ސޮއިކުރެއްވީ، ޖެނެރަލް މެނޭޖަރ އަޙްމަދު ޝިފާޢުއެވެ.
މާލެއާއި އަތޮޅުތަކުގައި އިސްރަށްވެހިންގެ ހިޔާތައް ޤާއިމްކުރުމުގެ މަސައްކަތަކީ، އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތައް ޙިމާޔަތްކޮށް، އެހީތެރިކަން ބޭނުންވާ މީހުންނަށް ދަޢުލަތުން އެހީތެރިކަން ދިނުމަށް ޤާއިމުކުރަން ނިންމާފައިވާ މަރުކަޒުތަކެކެވެ.
"އިސްރަށްވެހިންގެ ހިޔާވަހި" އަކީ، ދޮށީ އުމުރުގެ މީހުންގެ ތެރެއިން އާއިލާގެ އަޅާލުން ނުލިބުމުގެ ސަބަބުން ދައުލަތުން ބަލަހައްޓަން ޖެހޭ ހާލަތަށް ދާ ފަރާތްތަކަށް، އުފާވެރިކަމާއި، ހިތްހަމަޖެހުމާއެކު އުމުރުގެ ބާކީ ދުވަސްތައް ހޭދަކުރެވޭނެ ފަދަ މާހައުލެއް ޤާއިމްކުރުމުގެ ގޮތުން ހަދާ ތަނެކެވެ. އެތަނުން ފެންވަރު ރަނގަޅު ޚިދުމަތްތައް ލިބޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.