ދުނިޔެ

ކާބުލްގެ އެމެރިކަން ޔުނިވަރސިޓީއަށް ބަޔަކު ޙަމަލާދީފި


އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ އެމެރިކަން ޔުނިވާރސިޓީއަށް ހަތިޔާރުއެޅި ބަޔަކު ދިން ޙަމަލާއެއްގައި 12 މީހަކު މަރުވެއްޖެއެވެ.

އަފްޣާނިސްތާނުގެ އޮފިޝަލަކު ވިދާޅުވީ ހަތިޔާރު އަޅައިގެން ތިބި ގިނަ އަދަދެއްގެ ބަޔަކު އެމެރިކަން ޔުނިވާރސިޓީގެ ތެރެއަށް ވަދެފައިވަނީ ފުރަތަމަ އެތާ ކުރިމަތީގައި އޮތް ކާރެއް ގޮއްވާލުމަށް ފަހު ކަމަށެވެ. އަދި ދެން ޔުނިވާރސިޓީ ތެރެއަށް ވަދެ ބަޑިން ހަމަލާދީފައިވާކަމަށާއި ހަމަލާދިން ވަގުތު ޔުނިވާރސިޓީގައި ގިނަ އަދަދެއްގެ ދަރިވަރުންނާއި، ސްޓާފުން ތިބިކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި މިހަމަލާގައި މަރުވި 14 މީހުންގެ ތެރޭގައި 7 ދަރިވަރުން ހިމެނޭކަމަށްވެސް ޙަބަރުތައް ބުނެއެވެ.

އޮފިޝަލް ވިދާޅުވީ މިހަމަލާދިން އެމެރިކަން ޔުނިވާރސިޓީއަކީ ގިނަ އަދަދެއްގެ ބޭރުގެ ޕްރޮފެސަރުންނާއި ދަރިވަރުން އުޅޭ ޔުނިވާރސިޓީއެއް ކަމަށެވެ. އަފްޣާނިސްތާނުގެ ފުލުހުން ވިދާޅުވީ ހަމަލާދިން ފަރާތްތައް ހޯދުމަށް ފުލުހުންނާއި ކަމާއި ބެހޭ ފަރާތްތަކުން ޔުނިވާރސިޓީ ތެރެއަށް ވަދެފައިވާކަމަށެވެ. އަދި ދަރިވަރުންނާއި ސްޓާފުން ޔުނިވާރސިޓީއިން ނެރެ ރައްކާތެރިކަން ދިނުމަށް މަސައްކަތްކުރި ކަމަށް އަފްޣާނިސްތާނުގެ ފުލުހުން ބުނެފައިވެއެވެ.

މިހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. މި ޔުނިވަރސިޓީއަކީ 1700 ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާ ޔުނިވާރސިޓީއެކެވެ.