ދުނިޔެ

ބިންހެލުން އައި ސަރަޙައްދަށް ބޮޑުވަޒީރު ޒިޔާރަތްކުރައްވައިފި


އިޓަލީވިލާތަށް އިއްޔެ އައި ބިންހެލުމުގެ ސަބަބުން ގެއްލުންވި ސަރަހައްދެއްކަމަށްވާ އަމަތުރީޗޭ ޑިސްޓްރިކްޓަށް އެޤައުމުގެ ބޮޑުވަޒީރު މަޓިއޯ ރެންޒީ ޒިޔާރަތްކުރައްވައިފިއެވެ.

އިޓަލީގެ ފަރުބަދަމަތީ ސަރަހައްދަކަށް މެގްނިޓިއުޑް 6.2 ބާރުމިނުގައި އައި މިބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރުވަނީ 159 އަށްވުރެ މައްޗަށް އަރާފައެވެ. މިގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އައްކުމޯލީ އަދި އަމަތުރީޗޭ ޑިސްޓްރިކްޓަށެވެ.   

ބިންހެލުމުގެ ސަބަބުން އެންމެގިނަ މީހުން މަރުވެފައިވަނީވެސް ބިންހެލުން އައި އައްކުމޯލީ އަދި އަމަތުރީޗޭ ޑިސްޓްރިކްޓުންނެވެ. މިޙާދިސާ ގައި 150 މީހުން ގެއްލިފައިވާ ކަމަށް އެޤައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ. ބިންހެލުމުގެ ސަބަބުން ވެއްޓުނު އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތްކުރުމަށް ކަމާއި ބެހޭ ފަރާތްތަކުން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.

އިޓަލީ ގަޑިން ދަންވަރު ތިންގަޑިތިރީހުގައި އައި މިބިންހެލުމުގެ ސަބަބުން ބައެއް އަވަށްތައްވަނީ ބިމާ ހަމަވެފައެވެ. ބިންހެލުމާ ގުޅިގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވަމުންދާ ފަރާތްތަކަށް ބޮޑުވަޒީރު މަޓިއޯ ރެންޒީ ވަނީ ތަޢުރީފުކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.