ސިޔާސީ

އިނގިލީގެ ނިޝާނާއެކު ފޯމް ހުށަހަޅަންޖެހޭ ސުންގަޑި ކަނޑައަޅައިފި


ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީކުރެވިފައިވާ މެންބަރުންގެ ތެރެއިން، އިނގިލީގެ ނިޝާން ހުށައަޅާފައިނުވާ މެމްބަރުންގެ ފޯމް، އެފަރާތްތަކުގެ އިނގިލީގެ ނިޝާން ހިމެނޭގޮތަށް ފުރިހަމަކުރުމަށްފަހު މިއަހަރުގެ އޮކްޓޫބަރު 11 ވަނަދުވަހުގެ ކުރިން ހުށައެޅުމަށް ސިޔާސީ ޕާޓީތަކަށް އެންގެވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

ޕީ.އެސް.އެމް އަށް މަޢުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެނެވުނު އިޞްލާޙާ ގުޅިގެން ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ މެންބަރުންގެ ތެރެއިން މެންބަރޝިޕް ފޯމުގައި އިނގިލީގެ ނިޝާން ހިމަނާފައިނުވާ މީހުން، އެޤާނޫނުގައި ވާގޮތަށް އިނގިލީގެ ނިޝާން ހިމެނޭގޮތަށް މެންބަރުން ފޯމްތައް ފުރިހަމަކޮށް ހުށައަޅަން ގާނޫނުގައި ކަނޑައަޅައިފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށްކަމަށެވެ. އެހެންކަމުން ކޮންމެ ޕާޓިއަކުންވެސް އެ ޕާޓީއެއްގެ މެންބަރުންގެ މަޢުލޫމާތު ފުރިހަމަކުރުމަށް އަންގައި، މާދަމާގެ ވަގުތެއްގައި ހުރިހާ ޕާޓީތަކަށްވެސް ސިޓީ ފޮނުއްވާނެކަމަށް އަކްރަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޕާޓީތަކުން ކުރިން ހުށައަޅުއްވާފައިވާ ފޯމްތައް ޕްރޮސެސްކުރުމުގެ މަސަކަތް މިހާރުވެސް އެކޮމިޝަނުން ކުރައްވަމުން ގެންދަވާކަމަށާއި، އޭގެތެރޭގައި އިނގިލީގެ ނިޝާން ހިމެނޭ ފޯމެއްވާނަމަ އެފަރާތެއްގެ މެންބަރޝިޕް ފޯމް އަލުން ހުށައަޅަން ނުޖެހޭނެކަމަށެވެ. އޮކްޓޫބަރު 11 ފަހުން އިނގިލީގެ ނިޝާން ހިމެނޭ މެންބަރުންގެ އަދަދު 3000 އަށްވުރެ ދަށް ޕާޓީއެއްނަމަ އެޕާޓީއެއް އުވިގެންދާނެއެވެ.

ހުރިހާ ޕާޓީއަކުންވެސް ޤާނޫނުގައިވާ ޝަރުތުތަކާ އެއްގޮތަށް މެންބަރޝިޕް ފޯމްތައް ފުރިހަމަކޮށް މެންބަރުންގެ އަދަދު ހަމަކުރާނެކަމަށް އުންމީދު ކުރައްވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.