ތަޢުލީމު

ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން އޭސީސީއިން ކޯހެއް ހިންގަނީ


އެންޓިކޮރަޕްޝަން ކޮމިޝަނުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލާއި ގުޅިވަޑައިގެން "ސެޓްފިކެޓް 3 އިން ޕަބްލިކް ޕޮރޮކިޔުމަންޓް އެންޑް ފައިނޭންޝަލް ރެގުލޭޝަންސް"ގެ ނަމުގައި ކޯހެއް ހިންގުމަށް އެއްބަސްވެއްޖެއެވެ.

މި ކޯހަކީ، ދައުލަތުގެ މުދަލާއި ފައިސާއާއި ގުޅުންހުރި ކަންތައްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ދަށުން ހިންގަވާ ކޯހެކެވެ. މިކަމާއިބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭސީސީގެ ރައީސް ޙަސަން ލަޠީފް ވިދާޅުވި ގޮތުގައި، އެ އިދާރާއަށް ހުށައެޅޭ ގިނަ މައްސަލަތަކަކީ ޕްރޮކިޔުމަންޓް ޤަވާއިދުތަކާއި މާލީ ކަންތައްތައް ބެލެހެއްޓުމުގެ ނިޒާމާއި ގުޅޭ މައްސަލަތަކެއް ކަމަށެވެ.

އަދި، މިފަދަ ކޯހެއް ހިންގެވުމުން، ސަރުކާރު މުވައްޒަފުންގެ މެދުގައި ޕްރޮކިޔުމަންޓް ޤަވާއިދުތަކާއި މާލީ ކަންތައްތަކާއިބެހޭ ގޮތުން ޙޭލުންތެރިކަން އިތުރުވެ، ދިމާވާ ގިނަ މައްސަލަތަކަކަށް ޙައްލު ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު އުއްމީދުކުރަނީ މި ކޯހުގެ ބޭނުންހިފައި ސަރުކާރުގެ ހުރިހައި މުއައްސަސާތަކުންވެސް މުވައްޒިފުން ކޯހުގައި ބައިވެރިކޮށް މިކަންކަން އުނގަންނައިދޭން މަސައްކަތް ކުރާނެ ކަމަށް. އެއިރުން މިފަދަ މައްސަލަތައް މަދުކުރެވި ދައުލަތުން ފައިސާ ގެއްލުމުގެ މައްސަލަތައް މަދުވެގެންދާނެ. އަދި ގެއްލެމުންދާ ގިނަ އަދަދެއްގެ ފައިސާ ގެއްލުނަ ނުދީ ސަލާމަތް ކުރެވޭނެ." އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ރައީސް ޙަސަން ލުޠުފީއެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ބިޒްނަސް ސްކޫލްގެ ޑީން ޝާތިފް ޢަލީއެވެ.